ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ދަރިވަރުންގެ ދެވަނަ އިހްޔާގެ ފޯރަމް މިރޭ އޮންނާނެއެވެ.
މިރޭގެ ފޯރަމް ހުށައަޅައިދިނުމަށް ހަމަޖެހިފައިވަނީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) މާލޭގެ ދަރިވަރުންނެވެ. މިފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ "މިސްކިތްތަކުގައި ވަގުތު ހޭދަކުރާ ހިތްވާ ބަޔަކަށް ވުމަށް ކުރެވިދާނެ ކަންކަން" މި މައުޟޫއަށެވެ.
ދަރިވަރުންގެ އިޙްޔާ ފޯރަމަކީ އިސްލާމިކް މިނިސްޓްރީން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި މާލެ ސަރަހައްދުގެ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުންނާއެކު، އެދަރިވަރުން ހުށަހަޅައިދޭ ގޮތަށް ބާއްވާ އިހްޔާ ފޯރަމެކެވެ. މިޕްރޮގުރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުން މައުޟޫއުތަކަށް ތައްޔާރުވެ، ހުށަހަޅާ ޕްރޮގުރާމެއްގެ ގޮތުގައެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައެވެ. މި ފޯރަމް މިނިސްޓްރީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ދަރިވަރުންގެ އިޙްޔާ ފޯރަމްގައި 6 ސްކޫލަކުން ހުށައަޅައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރި އެޑިޔުކޭޝަން (މާލެ)، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރި އެޑިޔުކޭޝަން (ހުޅުމާލެ) އަދި ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްއެވެ.
ފުރަތަމަ ފޯރަމްގައި މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ވަނީ ފުރިހަމަ ހުށައެޅުމެއް ހުށައަޅައިދީފައެވެ. ދަރިވަރުންގެ އިޙްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގައެވެ.