ރާއްޖެ

ގައިދީންނަށް ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރޭ

ގާނޫނާއި ގަވާއިދުގެ ތެރެއިން ޤައިދީންނަށް ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

 

ޤައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ފައިދާހުރި ރައްޔިތަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެކެވެ.

 

ހުޅުމާލެ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނާއި ޢާއިލާތަކަށް ޚާއްސަކޮށްގެން ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ޖަލުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޤާނޫނާއި ގަވާއިދުގެ ތެރެއިން އެ ފަރާތްތަކަށް ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ދާކަމަށާއި އެ ފަރާތްތަކާއި ޢާއިލާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ބާރުއަޅުއްވާ ކަމަށެވެ.

 

އަދި ޤައިދީން ރިހެބިލިޓޭޓްކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކިޔަވައިދޭ އެއްޗެއްސާއި ނަގައިދޭ ފިލާވަޅުތަކާއެކު، ޢާއިލާއިން ޤައިދީންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުން މުހިއްމު ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

 

ސީޕީ މިހެން ވިދާޅުވިއިރު ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ 65 އިންސައްތައަކީ ކުށް ތަކުރާރުކޮށްގެން ބަންދުގައި ތިބި ބައެއް ކަމަށް ކޮމިޝަނަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ތަކުރާރުކޮށް ކުށްކުރާ މައްސަލަވެސް ހައްލުކޮށް ވަށާޖެހޭ ގޮތެއްގައި ކަންކަ ބައްޓަންކުރުން ކަމަށް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.

 

ހުޅުމާލެ ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ޤައިދީންނާއި ޢާއިލާތަކަށް ޚާއްސަ ހަފްލާއެއް ބޭއްވީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ. ރޯދަމަހާ ގުޅުވައިގެން ބޭއްވި މި ޚާއްސަ ޙަފްލާގައި ޤައިދީންނާއި ޢާއިލާތަކުން ވަނީ އެކުގައި އަގުހުރި ވަގުތުތަކެއް ހޭދަކޮށްފައެވެ.

 

މިއީ ގައިދީންގެ ރިހެބިލިޓޭޝަނަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ޖަލުން އިސްނަގައިގެން ހިންގި ހަރަކާތެކެވެ. އަދި މި ހަރަކާތުގެ ކާމިޔާބީއަށް ބަލައި، މިފިދަ އިތުރު ހަރަކާތްތައް މުސްތަޤްބަލުގައި ހިންގުމަށް އެ ޖަލުން ރާވާފައިވެއެވެ.

 

މި ޙަފްލާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ބައިވެރިވެ ވަޑައިގެންނެވިއެވެ. ކޮމިޝަނަރގެ އިތުރުން ހުޅުމާލެ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ، ހެޑް އޮފީހުގެ ސީނިއަރ އޮފިސަރުންނާއި މުވައްޒަފުން އަދި ހުޅުމާލެ ޖަލުގެ ބައެއް އޮފިސަރުންނާއި މުވައްޒަފުން ވެސް މި ހަފްލާގައި ބައިވެރިވިއެވެ.

 

 

ކޮމެންޓް