ޖޭއެސްސީ އާއި އޭސީސީ މެދުވެރިކޮށް ފަނޑިޔާރުންގެ މައްސަލަ ބަލަމުންދަނީ އެއްވެސް އަސާސެއް ނެތި ކަމަށް ޑިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެ ޕާޓީން މިފަދައިން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރެއްވި ތުހުމަތުތައް ތަހުގީގުކުރުމަށް ގޮވާލާ ނެރުނު ބަޔާނުގައެވެ.
އެ ބަޔާނުގައި އެ މައްްސަލަ ސަރުކާރުން ބޭނުންވާ ގޮތަށް ނިންމުމަށް ނުފޫޒު ފޯރުވުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ބުނެފައި ވެއެވެ. އަދި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކައި، އެ ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ރައީީސް ނުފޫޒު ފޯރުވަމުންދާ ކަމަށް ހުސްނުއްސުއޫދު ކުރެއްވި ތުހުމަތު ތަހުގީގުރަންޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެއިތުރުން ފަނޑިޔާރުގެ މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަށް އެ ޕާޓީން ގޮވާލާފައިވާއިރު، އާރާއި ބާރުވެރިކަން މިއަދު އޮތުމުން އެ މައްސަލަތައް ނުބެލޭނެ ކަމުގެ ޔަގީންކަމާއެކު މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް ރައީސް އިސްވެ ހުންނަވައި ހަމަލާތައް ދެއްވަމުންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކޮށްފައި ވެއެވެ.
"އެކަމަކު އެކަން ތަހުގީގުކޮށް ހަރުކަށި އަދަބު ދިވެހި ރައްޔިތުން ދޭނެ. އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ގާނޫނުގެ އަސާސީގެ 141 ވަނަ މާއްދާއާ ހިލާފު ކަމެއް."
ހަމަމިއާއެކު ޕީއެންސީން ދަނީ ރައީސްގެ އަތްޕުޅަށް ދައުލަތުގެ ތިން ބާރުވެސް މަހައިލުމަށް ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ޢަމަލުތަކެއް ހިންގަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އަދި އެކަމާ ދެކޮޅަށް މެދުކެނޑުމެއް ނެތި އިހުތިޖާޖު ކުރުމަށް ވެސް އެޕާޓީން ވަނީ ގޮވާލާފައެވެ.
ސްޕްރީމް ކޯޓިގެ ފަނޑިޔާރުގެ މަގާމުން އިސްތިއުފާދެއްވާ ހުސްނުއްސުއޫދު ރައީސަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ޕާޓީން ވަކިކުރުމުންނާއި އަމިއްލައަށް ވަކިވުމުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާއެކު، އެ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން އެތައް ނުފޫޒެއް ސަރުކާރުން ފޯރުވަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ފަނޑިޔާރުންގެ އަދަދު މަދުކުރަން ބިލެއް ފާސްކޮށް، ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ގޮތަށް ގޮނޑި ގެެއްލޭ މައްސަލަ ނިންމަން ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކަވަމުން ގެންދަވާކަމަށް ވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.