ރާއްޖެ

ރައީސްގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޟިރު ނުކުރަން އެންގި އަޑުތަކެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރަން އަންގާފައިވާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

 

ރާއްޖޭ 'ސަން އޮންލައިން' ގައި ބުނެފައިވަނީ އެކަން އެގޮތަށް ކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕަށް އަންގާފައިވާ ކަަމަށެވެ. އަދި އެކަން ޕީއެންސީގެ ޕީޖީ ގްރޫޕުގައި ހިމެނޭ މެންބަރަކު ސަން އަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

 

މިފަދަ އަޑެއް ފެތުރިފައިވާއިރު، ޕާޓީ ބަދަލު ކުރުމުން މަޖިލިސް މެންބަރުކަން ގެއްލޭގޮތަށް ވަނީ ގާނޫނަށް ވެސް ބަދަލު ގެނެސްފައެވެ. އަދި މިދިޔަ ބުދަ ދުވަހު، ކުއްލި ގޮތަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ ސަސްޕެންޑުކޮށްފައެވެ. އެއީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

 

އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް އެ ދުވަހުގެ ހެނދުނު 11 ޖަހާއިރަށް ތާވަލުކޮށްފައި ވަނިކޮށްނެވެ.

 

ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ، މި މައްސަލައިގައި ރައީސް ޑރ. މުއިއްޒު ފަނޑިޔާރުންނަށް ބިރުދައްކަވާކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ވެސް ދެއްވާފައެވެ.


ކޮމެންޓް