ހުސްނުއްސުއޫދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
އެމަނިކުފާނަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.
ހުސްނުއްސުއޫދު އިސްތިއުފާދެއްވިކަން އިއުލާންކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވި ސިޓީގައި، ސަރުކާރުން ގާނޫނުއަސާސީ ބަދަލުކުރަން ނިންމައި، މަޖިލީހުން ވެސް އެކަން ފާސްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން އިސްތިއުފާދެއްވި ސަބަބެއްކަމުގައި 2008 ގެ ގާނޫނުއަސާސީއާ ހިލާފަށް މިދިޔަ އަހަރު ފާސްކުރި އިސްލާހަކީ ގާނޫނުުގެ އަސާސްތަކާއި އުސޫލުތަކާ ހިލާފު އިސްލާހެއް ކަމަށް ވުމުން، އެ އިސްހާލު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ކޯޓުން ބަލަމުންދަނިކޮށް، ރައީސް އެދިލައްވައި ގޮތަކަށް މައްސަލަ ނިންމުމަށް، ގާނޫނުއަސާސީއާ ހިލާފަށް ކޯޓަށް ނުފޫޒު ފޯރުވަމުން ގެންދާތީ، އެކަމާ އިހުތިޖާޖުކުރުމުގެގޮތުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ އެކޯޓުގައި ބެލުން ހުއްޓުވުމުގެ ގޮތުން ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާކަން ފާޙަގަކުރައްވާ ރައީސް ބޭނުންވާގޮތަށް އެ މައްސަލަ ނިންމުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކާކަމަށް ވެސް ސިޓީގައި ބަޔާންކުރައްވާފައި ވެއެވެ.