ރާއްޖެ

އިސްރަށްވެހިންގެ ޖަމްއިއްޔާ ހިންގުމަށް ދިމާވާ ދަތިތައް ރައީސް އާ ހިއްސާކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާއާ ބައްދަލުކުރައްވައިފިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި އެ ޖަމުއިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، އެ ޖަމުއިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ރައީސްއާއި ހިއްސާކުރެއްވިއެވެ. އަދި އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައިދެއްވިކަމަށްޓަކައި އެ ބޭފުޅުން ރައީސް އަށް ޝުކުރުއަދާކުރެއްވިއެވެ.

 

އެބޭފުޅުންގެ ވާހަކަފުޅުގައި އިސްރަށްވެހިންގެ ނާދީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އެތަނުގައި އިސްރަށްވެހިންނަށް ހާއްސަކޮށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރުކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި އެ ޖަމުއިއްޔާ ފަދަ އަމިއްލަ ޖަމުއިއްޔާތައް ހިންގުމަށް ބޭނުންވާ އޮފީސް ޖާގަ ހޯދުމުގައި ހުރި ދަތިތައް އެ ބޭފުޅުން ރައީސްއާއި ހިއްސާކުރެއްވިއެވެ.

 

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަމިއްލަ ޖަމުއިއްޔާތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ދެއްވުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމުއިއްޔާތަކަށް އޮފީސް ޖާގަ ހޯއްދަވައިދެއްވުމަށް އޮފީސް ކޮމްޕްލެކްސްއެއް އިމާރާތް ކުރެއްވުމަކީ އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެއްކަން ހާމަކުރައްވައި، ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުވެގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަން ފާހަގަކުރެއްވިއެވެ.

 

މި ބައްދަލުކުރެއްވުމުގައި، ދިވެހި މުޖުތަމައަކީ ތަހުޒީބު މުޖުތަމައަކަށް ހެދުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން އެ ބޭފުޅުންގެ ވާހަކަފުޅުގައި ހާމަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ކުރިމަގަށް ފައިދާހުރި އެކިއެކި ދާއިރާތަކުން ތަޖުރިބާ ހިއްސާކުރެއްވުމަށް އެ ޖަމުއިއްޔާގެ މެންބަރުން ތައްޔާރަށް ތިއްބެވިކަން ހާމަކުރެއްވިއެވެ. މުޖުތަމައުގެ އާންމު އިޖުތިމާއީ މިންގަނޑު ހަރުދަނާ ކުރުމަށާއި ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ އެކިއެކި މަސައްކަތުގެ މައުލޫމާތު ރައީސް އެބޭފުޅުންނާ ހިއްސާކުރެއްވިއެވެ.

 

މީގެއިތުރުން އެ ބޭފުޅުން ހުށައެޅުއްވި އެކިއެކި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒު އެ ބޭފުޅުންނަށް ދެއްވިއެވެ.

 

 

ކޮމެންޓް