ދިވެހިންގެ ދީލަތި އެހީގައި ބަންގްލަދޭޝްގައި 4 މިސްކިތެއް ބިނާކޮށް ނިންމާ ހުޅުވައިފިއެވެ.
މި 4 މިސްކިތުގެ ތެރެއިން ދެ މިސްކިތަކީ ނިމިދިޔަ ރަމަޟާން މަހު ޚިދުމަތް ޖަމްއިއްޔާއިން ހުޅުވާލި މިސްކިތް ބިނާކުރުމުގެ ފަންޑުގެ ދެ މިސްކިތާއި ދިވެހި އަމިއްލަ ފަރާތަކުން ބިނާކުރި ދެ މިސްކިތެވެ.
ޚިދުމަތް ޖަމްއިއްޔާގެ މިސްކިތް ފަންޑްގެ ތެރެއިން ހުޅުވުނު ބަންގްލަދޭޝްގެ ޑާކާގެ މޯލްޑިވްސް މަސްޖިދް މަދްރަސާ ކޮންޕްލެކްސް އަކީ މިސްކިތުގެ އިތުރުން ތިލާވަތު، ހިފުޡު އަދި ތަޖްވީދު ކްލާސްތަކެއް ހިންގާ، އަހަރަކު އެތަކެއް ހާފިޡުންނެއް ބިނާ ކުރަމުން އަންނަ މަދުރަސާ ކޮންޕްލެކްސްއެކެވެ.
މަސްޖިދު ތަޢުހީދު އަކީވެސް ދިވެހި ރައްޔިތުންގެ އެހީތެރިކަމާއެކު މި ރަމަޝާން މަހު ހުޅުވުނު 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ރާއްޖޭގެ އަމިއްލަ ފަރާތަކުން ބިނާކޮށްދެއްވި މަސްޖިދު އަލްވާލިދައިން އަކީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު އަވަށުގެ ވިލެޖެއްގައި ބިނާ ކުރި ފުރިހަމަ މިސްކިތެކެވެ.
މީގެއިތުރުން މަސްޖިދު އުސްމާން އަލިމަނިކު އަކީ ބަންގްލަދޭޝްގެ ޗަކަރިޔާގެ ވިލެޖެއްގައި އަމިއްލަ ފަރާތެއްގެ ދީލަތި އެހީތެރިކަމާއެކު ބިނާކުރި މިސްކިތެކެވެ. މި މިސްކިތް ބިނާ ކުރެވުނު ސަރަހައްދަކީ މިސްކިތެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ގިނަ ރައްޔިތުން އުޅޭ ސަރަހައްދެކެވެ.
ޚިދުމަތް ޖަމްއިއްޔާ އިން ވިދާޅުވީ ދުޢާއަކީ، މި މިސްކިތްތަކުގައި ﷲ ތަޢާލާ އަށްޓަކައި ގޮވާލެވޭ ކޮންމެ ބަންގިއަކާއި، ކިޔޭ ކޮންމެ ތަކްބީރަކާއި، ކުރެވޭ ކޮންމެ ސަޖިދައެއްގެ އަޖުރު، މިސަދަގާތުގައި ބައިވެރިވި އެންމެހާއި ފަރާތްތަކަށް މިންވަރު ކޮށްދެއްވުން ކަމަށެވެ.