ރާއްޖެ

މިރޭ އިހްޔާ ފޯރަމް ގދ. ގައްދޫގަ

އަތޮޅުތެރޭގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ގދ. ގައްދޫގައި އޮންނާނެއެވެ.

 

މިއީ އިސްލާމިކް މިނިސްޓްރީން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ ސިލްސިލާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތަކުގައި މިއަހަރު ބާއްވާ ފުރަތަމަ ފޯރަމެވެ. މި ފޯރަމް ކުރިއަށް ގެންދަނީ އެ މިނިސްޓްރީ އާއި ގައްދޫ ކައުންސިލް ގުޅިގެންނެވެ.

 

"ނުރަނގަޅު އާދަތައް ދޫކުރުން" މި މައުޟޫއަށް މިރޭގެ ފޯރަމްގައި ތަގްރީރު ކުރައްވާނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް ޢަބްދުﷲ ސަޢުދާންއެވެ.

 

އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއިން މި ރަމަޟާން މަހު މާލޭގައި 8 އިހްޔާ ފޯރަމް އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިހްޔާ ފޯރަމް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަތޮޅުތެރޭގެ ފޯރަމް އޮންނާނީ ގައްދޫ، ހދ. ނާވައިދޫ، ތ. ގުރައިދޫ، ފުވައްމުލަކު ސިޓީ، ހއ. ބާރަށް، ނ. މަނަދޫ އަދި ރ. މީދޫގައެވެ.

 

މިއަހަރުވެސް އިހްޔާ ފޯރަމްތަކަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.


ކޮމެންޓް