ރާއްޖެ

12 ވަނަ ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމް ކުރިއަށް

އިންޑިއާގެ ޖައިޕޫރު ސިޓީގައި 12 ވަނަ ސަރަޙައްދީ 3އާރު އަދި ސަރކިއުލަރ އިކޮނޮމީ ފޯރަމް ފަށައިފިއެވެ.

 

މިއީ އިންޑިއާ ސަރުކާރުން ޖަޕާން، އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް)، އދ.ގެ ސެންޓަރ ފޮރ ރީޖަނަލް ޑިވެލޮޕްމަންޓް (ޔޫއެންސީއާރުޑީ) އަދި އދ. ގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޔޫއެންޑީއީއެސްއޭ) އާ ގުޅިގެން އިންތިޒާމުކޮށްފައިވާ ބައްދަލުވުމެކެވެ.

 

މި މުހިންމު ފޯރަމްގައި ރާއްޖެ ތަމްސީލުކުރައްވަނީ ތިމާވެށި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ޑެޕިއުޓީ މިނިސްޓަރ ނިޒާމެވެ. އަދި ވޭސްޓް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލުންނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

 

މި ފޯރަމްގައި ކުނި މެނޭޖްކުރުމާއި، ރިސައިކަލްކުރުމާއި، އަލުން ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ. އަދި ސަރކިއުލަރ އިކޮނޮމީގެ މުހިންމުކަމާއި، އޭގެ ސަބަބުން ތިމާވެށްޓަށާއި އިޤްތިޞާދަށް ކުރާނެ ފައިދާތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

 

ދިވެހި ސަރުކާރުގެ ފަރާތުން މިފަދަ މުހިންމު ބައްދަލުވުމެއްގައި ބައިވެރިވުމަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

 

މި ފޯރަމްގައި ހިއްސާކުރެވުރެވޭ މައުލޫމާތާއި ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

 

 

ކޮމެންޓް