އިންޑިއާގެ ނިއުދިއްލީގައި މިއަހަރު ބޭއްވި 'އެޕޯލޯ ނިއުދިއްލީ މެރަތަން' ގެ ހާފު ކެޓަގަރީގެ އޭޖު ކެޓަގަރީން އެއްވަނަ ރާއްޖޭގެ އައިލެންޑް ރަނަރސްގެ ޝިފާޒު މުޙައްމަދު ހޯދައިިފިއެވެ.
ޝިފާޒު އެއްވަނަ ހޯދީ އޭނާ ބައިވެރިވި އުމުރުފުރާ ކަމުގައިވާ 30 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާއިންނެވެ. މި ރޭހުގެ އެއްވަނަ އޭނާ ހޯދީ ރާއްޖޭގެ ނެޝަނަލް ޓީމަށް ކޮލިފައިވާ ޓައިމިންގ އަށްވުރެ ވެސް އަވަސް ޓައިމިންގ އެއްގައެވެ. އެއީ 1:13:14 (އެއްގަޑި ތޭރަ މިނެޓު ސާދަ ސިކުންތު) އެވެ.
ރާއްޖޭގެ ދިގު ދުވުންތަކުގައި މީގެކުރީން ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޝިފާޒުގެ މި ޓައިމިންގ އަކީ ފައިބެއަހަރާއި މިއަހަރުގެ މިހައިތަނަށް ރާއްޖޭގެ އެތްލީޓެއް ހާފު މެރަތަންގައި ހެދި އެންމެ ރަނގަޅު ޓައިމިންގ އެވެ.
އިންޑިއާގެ ނިއުދިއްލީގައި ކޮންމެއަހަރަކު ވެސް ބާއްވާ މި ދުވުމުގައި މިއަހަރު ވަނީ އައިލެންޑް ރަނަރސްގެ ގިނަ ދުވުންތެރިންތަކެއް ވެސް ދުވެފައެވެ. އޭގެތެރޭގައި ރާއްޖޭގައި މިހައިތަނަށް އެންމެގިނަ ފުލް މެރަތަން ދުވުމުގެ ރެކޯޑު އޮންނަ ނަސްރުﷲ އަހްމަދު (ނަސްރު ކޯޗު) ވެސް ވަނީ އޭނާގެ 98 ވަނަ ފުލް މެރަތަން ދުވެފައެވެ.
ހަމަމިއާއެކު ޝަންނަ ވަނީ އޭނާގެ 17 ވަނަ 17 ވަނަ ފުލް މެރަތަން 3:51 (ތިންގަޑި ފަންސާސް އެއް މިނެޓު) އިން ނިންމާ، 4 ގަޑިއިރު، ބްރޭކްކުރު މީހުންގެ ލިސްޓުގައި ހިމެނިފައެވެ. މި ދުވުމުގައި އައިލެންޑް ރަނަރސް އިން ދުވި އިތުރުބައިވެރިން ވެސް ވަނީ ރަނގަޅު ޓައިމިންގތަކެއް ހަދާފައެވެ.
އޭގެތެރޭގައި އިބްރާހިމް ނާއިފް، ހާފު މެރަތަން 1 ގަޑި 27 މިނެޓުން ނިންމިއިރު، ހުސައިން ޝިރާޒު ހާފުމެރަތަން ނިންމާފައިވަނީ 1 ގަޑި 26 މިނެޓުންނނެވެ. އަދި މުޙައްމަދު ޔައުގޫބު ހާފު މެރަތަން ނިންމީ 1 ގަޑި 37 މިނެޓުންނެވެ.