ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ގެސްޓުންނަށް ކާންދެއްވުމުގައި ހެދިފައިވާ އާންމު ގަވާއިދުތަކާ އެއް ގޮތަށް ޢަމަލުކުރެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސް ކުރައްވައިފިއެވެ.
ވަޒީރު މި ގޮތަށް އިލްތިމާސްކުރެއްވީ އިއްޔެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި ވަޒީރު ވަނީ ލޯކަލް ޓުއަރިޒަމާއި، ލޯކަލް ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ރަމަޟާން މަހު ޓޫރިސްޓުންނަށް ކާންދެއްވުމުގައި ސަރުކާރުން އެކަށައަޅައިފައިވާ އުސޫލުތަކާއި، މިންގަނޑުތަކާ ޚިލާފު ނުވާ ގޮތަށް އެ ރަށެއްގައި ދިރިއުޅުއްވާ އާންމު ރައްޔިތުންނަށް ނުފެންނާނެ ގޮތަކަށް ޚިދުމަތް ދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ރަށު ފަތުރުވެރިކަން މުޅި ރާއްޖެއަށް އާންމުވެފައިވާ އިރު، ސަރުކާރުން އެކުލަވައިލައިފައިވާ އުޞޫލުތަކާ އެއް ގޮތަށް ގެސްޓުންނަށް ފޯރުކޮށްދެއްވަމުން އަންނަ ހިދުމަތްތައް ދެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާއްސަކޮށް ރޯދަ މަހު، މި ފަދަ ސަކުވާތައް މަދުން ނަމަވެސް ފެންމަތިވުމަކީ އެ ރަށްރަށުގައި ދިރިއުޅުއްވާ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.