މުދަލުގެ އަމާނާތަކީ އެންމެ މުހިންމު އަމާނާތް ކަމަށާއި ހެޔޮގޮތުގައި މުދަލުން ހޭދަކުރުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ކޮންމެ އަހަރެއްގެ ރަމަޟާންމަހުގައި ބާއްވަމުން އަންނަ އިހްޔާ ފޯރަމްތަކުގެ ތެރެއިން މިއަހަރުގެ ފޯރަމް ފެށްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
މި އަހަރުގެ ރަމަޟާން މަހުގެ އެންމެ ފުރަތަމަ އިހްޔާ ފޯރާމް ހާއްސަކޮށްފައިވަނީ "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މި މައުޟޫއަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ފޯރަމްގައި މިނިސްޓަރު ވަނީ މުދަލުގެ އަމާނާތް އޭގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅުއްވާފައެވެ. އަދި އެކިގޮތްގޮތުން އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި އެހެން އިންސާނުންނަށް އުފާވެރިކަން ގެނެސްދިނުމަށް އިސްލާމްދީނުގައި ބާރު އަޅުވާފައިވާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މުދާ ހެޔޮގޮތުގައި ބޭނުންކުރާއިރު އެންމެ އިސްކަންދޭންޖެހޭ ބަޔަކީ މައިންބަފައިންކަން ވަނީ ހަނދުމަކޮށްދެއްވާފައެވެ.
"ތިޔަބައިމީހުންގެ ކިބައިގައިވާ ތަނަވަސްކަން ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގައި އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭ ބަޔަކީ ތިޔަބައިމީހުންގެ މައިންބަފައިން."
ހަމަމިއާއެކު ގައުމަށް އައިސްތިބި ބިދޭސީންނަށް ވެސް އިހްސާންތެރިވުމަށާއި ހެޔޮފޯރުކޮށްދިނުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި އެއީ މާތްﷲ ލޯބިވެވޮޑިގަންނަވާ މާތް ސިފައެއްކަން ވެސް ފާހަގަކުރައްވާފައެވެ.