ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމެޓީއަކުން ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ބޭރުކޮށްލައިފިއެވެ.
މިކަން ހާމަކުރެއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީތަކަށް ގެނައި ބަދަލުތައް އިއުލާންކުރައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އެމަނިކުފާނު ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން އަޒާން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އަޒާންގެ ބަދަލުގައި އެ ކޮމިޓީއަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން އަދި 241 ކޮމިޓީއަށް އަޒާންގެ ބަދަލުގައި އައްޔަން ކުރައްވާފައިވަނީ މުހައްމަދު އިސްމާއިލްއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ޕެޓިޝަން ކޮމިޓީގައި ހުންނެވި ޕީއެންސީގެ މެންބަރު އައިފާންގެ ބަދަލުގައި އެ ކޮމިޓީއަށް އަޒާން އައްޔަންކޮށްފައިވާ ކަމަށާއި އިމްތިޔާޒާ ސުލޫކު ކޮމިޓީގައި ހުންނެވި ޕީއެންސީގެ، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްގެ ބަދަލުގައި އެ ކޮމިޓީއަށް އަޒާން އައްޔަންކުރައްވާފައިވާ ކަމަށެވެ.
މާލިއްޔަތު ކޮމިޓީންނާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަކީ މަޖިލީހުގެ އެންމެ ބާރުގަދަ، އެންމެ މުހިންމު ދެ ކޮމިޓީއެވެ. އެ ދެ ކޮމެޓީން އަޒާން ވަކިކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް ވޯޓު ދެއްވާފަައިވާ ދަނޑިވަޅެއްގައެވެ. މިކަމާއިގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕްގެ ވަޓްސް އެޕް ގްރޫޕުން ވެސް އަޒާން ވަނީ ބޭރުކޮށްފައެވެ.
ފަނޑިޔާރުން މަދުކުރުމަށް ވޯޓު ނުދެއްވީ ގާނޫނުއަސާސީއާ ހިލާފު އިސްލާހަކަށްވާތީ ކަމުގައި އަޒާން ވަނީ ވިދާޅުވެފައެވެ.