ތިލަދުންމަތިން ފެށިގެން މެދުރާއްޖެތެރޭގެ ރަށްތަަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އެ ސަރަހައްދުގެ ރަަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
އެ އިދާރާގެ ރެކޯޑުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު އެންމެގިނައިން ވާރޭ ވެހިފައިވަނީ މާލެއަތޮޅު ދިއްފުއްޓަށެވެ. އެއީ 296.1 މިލިމީޓަރުގެ ވާރޭއެވެ. ދެން އެންމެގިނައިން ވާރޭވެހުނީ ހުޅުމާލެއަށެވެ. އެއީ 185.2 މިލިމީޓަރެވެ.
މީގެއިތުރުން ފ. ނިލަންދޫއަށް 178.2، ހުޅުލެއަށް 177.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ބ. ގޮއިދޫއަށް 166.3، އެއަތޮޅު ދަރަވަންދޫއަށް 159.5 މިލިމިޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އަދި އދ. މާމިގިއްޔަށް 127 މިލިމިޓަރުގެ ވާރޭ އަދި އއ. ތޮއްޑުއަށް 121.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް ރެކޯޑުން ދައްކައެވެ.