ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓަރމިނަލް ފުރަތަމަ ފަހަރަށް އެއްކޮށް ދިއްލާލައި، ދައްކާލައިފިއެވެ.
ވީއައިއޭ އިން މީސްމީޑިއާގެ 'އެކްސް' ކުރި ޕޯސްޓެއްގައި ފެންނަގޮތުގައި ޓަރމިނަލް ދިއްލާލާފައިވަނީ ނަމާއިވެސް އެކުގައެވެ. މި ޕޯސްޓަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ތައުރީފުގެ ބަސްތައް ވެސް ދަނީ އޮހެރެމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އައު ޓާމިނަލްގެ މަސައްކަތް ފަށައި، އެމަނިކުފާނުގެ ވެެރިކަން ނިމުނުއިރު ގާތްގަނޑަކަށް 54 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ވީއައިއޭގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުވުމަށް މިހާރުތާވަލުކޮށްފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން މި ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެހެންކަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިހާރު ދަނީ މި އެއަރޕޯޓު ހުޅުވުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެތައްޔާރީތައް ވަމުންނެވެެ.
މިގޮތުން އެއަރޕޯޓުގެ މުވައްޒަފުންނަށް ބޭނުންވާ ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގައި، އެއަރޕޯޓުގައި ބޭނުންކުރާނެ އެކިއެކި އާލާތްތަކާއި ވަސީލަތްތަކުގެ ޓެސްޓިންގ މަރުހަލާތައް ވަނީ ފަށާފައެވެ.
މިއީ އަހަރަކު 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ޒަމާނީ އަދި ފުޅާ ޓަރމިނަލެކެވެ. މި ޓަރމިނަލްގައި އެއިރޯ ބްރިޖްތަކާއި، އަމިއްލައަށް ޗެކްއިން ކުރެވޭނެ ނިޒާމާއި، އޮޓޮމެޓިކް ދަބަސް ގެންގުޅޭ ނިޒާމާއި އެންމެ ޒަމާނީ ވިޝުއަލް ޑޮކިންގ ގައިޑެންސް ނިޒާމުތަކުގެ ހިދުމަތް ލިބެން ހުންނާނެއެވެ.
މީގެއިތުރުން ހަ އެއިރޯ ބްރިޖް ހަރުކުރެވޭއިރު، 47 ޗެކްއިން ކައުންޓަރާއި، އަމިއްލަ ހިދުމަތް ދޭ ހަ ކިއޮސްކާއި، އެންމެ ޒަމާނީ ދަބަސް ގެންގުޅޭ ނިޒާމަކާއި، އެޑްވާންސް ސެކިއުރިޓީ ސްކްރީނިންގ ނިޒާމެއް ވެސް ގާއިމުކުރާނެއެވެ.
މި ޓަރމިނަލުން އެވްރެޖްކޮށް ދުވާލަކު 8،000 ދަތުރުވެރިންނަށް ހިދުމަތް ދެވޭއިރު، ބޮޑުމިނަކީ 78،000 އަކަމީޓަރެވެ. ދަތުރުވެރިންގެ ފަސޭހައަށްޓަކައި، ޑިއުޓީ ފްރީ ފިހާރަތަކާއި ކެއުންބުއިމަށް ހާއްސަކުރެވިފައިވާ ރެސްޓޯރަންޓްތަކާއި ކެފޭތައް ވެސް މި ޓަތމިނަލްގައި ހިމެނޭނެއެވެ.