ރާއްޖެ

ފްލެޓު ލިސްޓަށް މިހާރު ޝަކުވާ ހުށަހެޅޭނެ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

 

ހައުސިންގ މިނިސްޓްރީން ވިދާޅުވީ އެ ފުރުސަތު ހުޅުވާފައިވަނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކަމަށެވެ.

 

އެމްޑީޕީ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓު ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު މި ލިސްޓުން އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

 

އެ ލިސްޓާއިމެދު ޝަކުވާއެއް އޮތްނަމަ، އެކަން ހުށަހަޅާނީ ގެދޮވެރިން ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެކަމަށް ވިދާޅުވެއެވެ. ނުވަތަ ސިޓީ މެދުވެރިކޮށް ވެސް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

 

މީގެއިތުރުން ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ނަންބަރު 4004911 އާއި 4004910 ފޯނަށް ގުޅައިގެން ސާފުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ.

 

ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވެފައިވަނީ ފްލެޓް ނުލިބޭ ކަމަށް ފާހަގަކޮށްފައިވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބޭނެކަމަށެވެ. އަދި ފްލެޓު ލިސްޓު ނެރުމާއެކު މައްސަލައެއް ފާހަގަނުވާ ފަރާތްތަކާ ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4000 ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓެއް މިދިޔަ ސަރުކާރުގެ ފަހު ދުވަސްކޮޅުގައި އިއުލާނު ކުރިއެވެ. އެހެންނަމަވެސް ފްލެޓްތައް ހަވާލުކުރުން މަޑުޖައްސާލާފައި އޮތީ އެ ލިސްޓާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށުމުންނެވެ. އެ ލިސްޓު މުރާޖާ ކުރުމަށްފަހު، ބުރާސްފަތި ދުވަހު އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވަނީ 1820 ފަރާތެކެވެ.

 

ޝަކުވާ ހުށަހެޅުމަށް އީމެއިލް:[email protected] 

 

 

 

ކޮމެންޓް