ރާއްޖެ

ރޯދައަށް ހުރުމުން ސިއްހީ ބައިވަރު ފައިދާކުރޭ

ރޯދަޔަށް ހުރުމަކީ ރަނގަޅަށް ފުރިހަމަޔަށް ގެންދެވިއްޖެކަމަށްވާނަމަ ސިއްހީގޮތުން ވަރަށް ބައިވަރު ފައިދާތަކެއް ކުރާ ކަމެއް ކަމުގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ސީނިއަރ ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް ވިދާޅުވެއްޖެއެވެ.

 

އެ ހޮސްޕިޓަލުން މީސްމީޑއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ވަނީ ރޯދައަށް ހުރުމުން ހަށިގަނޑު ވިހަ މާއްދާތައް ނައްތާލުމާ، ފުރަމެއިން ޝަރުބީ އެނދުންފަދަ ވަރަށް ބައިވަރު ސިއްހީ ފައިދާތައް ލިބޭ ކަމަށެވެ.

 

އާސިޔާ ވިދާޅުވީ ކެއުންބުއިމާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ނޭދެވޭ ބަދަލުތަކެއްގެ ސަބަބުން ބަރުދަން އިތުރުވުމާއި ފުރަމޭގައި ޝަރުބީ ހިފުންފަދަ ކަންކަން ދިމާވާކަމަށެވެ. އަދި ހަކުރު ކޮންޓްރޯލުން ނެއްޓުމާއި ހަށިގަނޑުން ފެން މަދުވުމާއި ގޭސް މައްސަލަތައް ދިމާވުންފަދަ ސިއްހީ ބައެއް މައްސަލަތައް ވެސް ދިމާވާ ކަމަށެވެ.

 

މައިގަނޑުގޮތެއްގައި ބަލައިލަންވީ ކެއުން ބުއިމުގައި އިސްރާފު މަދުކޮށް ކެއުން ބުއިމުގައި މެދުމިންވަރު އިހްތިޔާރުކުރުން ކަމުގައި އާސިޔާ ފާހަގަކުރެއްވިއެވެ. އަދި ހާރުގަޑި ލަސްކޮށް، ރޯދަ ވީއްލާ ގަޑީގައި އަވަސް އަރައިގަނެގެން ނުކެއުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

 

މީގެއިތުރުން ފަނީގެ ބާވަތްތަކާ ފޮނި ބާވަތްތައް މަދުކުރުމަށާއި ކެއުމުގައި ހިމަނަންޖެހޭ ހުރިހާ ބާވަތެއް ހިމަނައިގެން ކާ ކަހަލަ ކެއުމެއް ބޭނުންކުރުމަށް ވެސް އާސިޔާ އިރުޝާދުދެއްވާފައި ވެއެވެ. އަދި ހަކުރު ބަލި ފަދަ ބައްޔެއް ހުރިނަމަ ޑައިޓީޝަނެއްގެ އިރުޝާދާއެއްކޮށް ކެއުންބުއިން ބައްޓަންކުރުން ވަރަށް މުހިންމު ކަމުގައި ވެސް ފާހަގަކުރައްވާފައިވެއެވެ.

 

 

ކޮމެންޓް