ރާއްޖެ

އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާ ކުރުމަށް ރައީސް އެދިވަޑައިގެންފި

މި ރަމަޟާންމަހު އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާކުރެވި ހިދުމަތްކުރުމުގެ އޒުމު ވަރުގަދަވެގެންދާނޭކަމަށް އުއްމީދުކުރައްވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާޏު މިފަދައިން ވިދާޅުވީ ރަމަޟާންމަހުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި، ސަރުކާރުތަކާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

 

އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައްޔާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ފޮނުއްވި މެސެޖުގައި އިސްލާމީ ގައުމުތަކުގެ ވެރީންނާއި ރައްޔިތުން ފުރިހަމަ ސިއްހަތެއްގައި ލެހެއްޓެވުމަށާއި، ކާމިޔާބީ މިންވަރުކުރެއްވުމަށް އެދިވަޑައިގެން ވަނީ ދުއާ ދަންނަވާފައެވެ.

 

މީގެއިތުރުން މި މައްސަރަކީ ރޫހު އާލާކޮށް، މުރާޖައާކުރުމާއި އެއްބައިވަންތަކަމުގެ މައްސަރުކަމާއި، އޯގާތެރިކަމާއި، ދީލަތިކަން އިތުރުކޮށް، އަގީދާ ހަރުދަނާކުރުމުގެ މައްސަރުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

 

މި ދަނޑިވަޅުގައި ރައީސް ވަނީ ފަލަސްތީނުގެ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި މުސްލިމުން ތަހައްމަލުކުރަމުންދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވާފައެވެ.

 

 

 

 

ހަމަމިއާއެކު މުސްތަގިއްލުކަން ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް އަދުލުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން އަދި އިސްތިގްލާލީ ދައުލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވާފައެވެ.


ކޮމެންޓް