ރަމަޟާން މަހުގެ ދަރުމައާ ސަވާބު ލިބިގަތުމަށް ހުރިހާ އެންމެންވެސް މަސައްކަތްކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ފެބްރުއަރީ 28 ވަނަ ދުވަހުގެ ރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ރައީސް ޔާމީން ދިވެހި އެންމެހާ ލޮބިވެތި ރައްޔިތުންނަށް ވަނީ އަރިސްކުރައްވާފައެވެ. އަދި ވަނީ ގައުމުގައި ހުރި ދަތިތަށް ފިލާ ރައްޔިތުންނަށް ފަސޭހަ ދުވަސްތަކެއް ދެއްކެވުމަކީ އެމަނިކުފާނުގެ ދުއާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާރޗު 1 ވާ ހޮނިހިރު ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ. އެ މިނިސްޓްރީން މިގޮތަށް ކަނޑައެޅީ ފެބްރުއަރީ 28 ވީ ހުކުރު ދުވަހުގެ ރޭ ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައެވެ.