މިއަހަރުގެ ރޯދަ މަހުވެސް މާލޭގެޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ ސަމާލުކަމެއް ދެއްވާ، އެކަމަށް ތައްޔާރުވެފައިވާ ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ފެބްރުއަރީ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރ އޮފް ޕޮލިސް ތޮލްހަތު އަޙްމަދު ވިދާޅުވީ މާލޭގެ މަގުތަކުގައި ޖާގަ ހުސްކުރުމާއި ޓްރެފިކް ނިޝާންތައް ނެތް ސަރަހައްދުތަކުގައި ނިޝާންތައް ކުރެހުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ.
މީގެއިތުރުން ރަމަޟާންމަހު މާލެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ފަސް ސަރަހައްދެއްގައި ފުލުހުން ހާއްސަ ސަމާލުކަމެއްދީގެން ބަލަހައްޓަމުންދާނެކަމަށް ވިދާޅުވިއެވެ. އެއީ ބާޒާރުމައްޗާއި، މިސްކިތްތަކާއި، ބޮޑެތި މަގުތަކާއި ބްރިޖާއި ހައިވޭ ސަރަހައްދުކަަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ބާޒާރުމަތީގެ ވަކި ސަރަހައްދެއް ހެނދުނު 6 ން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ޕާކުކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ޕާކުކުރެވޭނެ ރޭގަނޑު 6 ން ހެނދުނު 6 ޖަހަންދެން ކަމަށެވެ.
" މާލެ ސަރަހައްދުގައި ބާރުބޮޑުވާ 22 މިސްކިތެއްކައިރި ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން ބަލަހައްޓަމުންދާނެ. ކޮންމެ ނަމާދު ވަގުތެއްގައި ޓްރެފިކް ފްލޯއަށް ބެލުމަށްފަހު މިސްކިތްތަކުގެ ކައިރި ބަންދުކުރާނެ."
ހަމަމިއާއެކު ހުރިހައި މިސްކިތެއްގައިވެސް ބާރުބޮޑުވާ ވަގުތައް ބެލުމަށްފަހު، 4 ފުރޮޅުލީ އުޅަނދުތަކަށް އެ ސަރަހައްދުތައް ބަަންދުކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.