އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ ފޯރަމް އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މިއަހަރު މާލޭގައި 8 އިހްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިހްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ފޯރަމް އޮންނާނީ މާރޗު ދެވަނަ ދުވަހުގެ ރެއެވެ. މި ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން" މި މައުޟޫއަށް ތަގްރީރު ކުރައްވާނީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މީގެއިތުރުން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންއާއި ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިންއާއި އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު ހިމެނެއެވެ. އަދި ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމު އަދި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމް ވެސް ހިމެނެއެވެ.
މިއަހަރު ވެސް ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިހްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަރިވަރުންގެ އިހްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރެއެވެ.