ރޯދައިގެ މައިގަނޑު މަގްސަދަކީ ތަގްވާވެރިވުންކަމަށާއި ތަގްވާގެ މާނައިގައި ހިމެނޭ ހެޔޮޢަމަލުކުރުމާއި ފާފަތަކުން ދުރުހެލިވުމަކީ މި މައްސަރުގައި ވަރަށް މުހިންމު ކަމެއް ކަމުގައި ހުޖުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
"ރޯދަވެރިޔާ ޢަމަލުތައް ބަހައްޓާންވީ ގޮތް" މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ހުތުބާގައި ރޯދައިގެ މަގްސަދުތަކުގެ ތެރޭގައި ދުނިޔެވީ އެދުންތަކުން ނަފުސު ތާހިރުކޮށް، އުޚްރަވީ ހަޔާތުން ލާބަ ހޯދުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ހަނދާންކޮށްދީފައި ވެއެވެ.
މީގެއިތުރުން ރަމަޟާން މަހަކީ އިންސާނިއްޔަތަށް ބާވައިލެއްވި އެންމެ މާތް ފޮތްކަމުގައިވާ ކީރިތި ޤުރުއާން އެ މައްސަރުގައި ބާވައިލެއްވި މަސްކަމަށްވާއިރު، އެ މަހު ހިފާ ރޯދައާއި ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންވާކަން ހަނދުމަކޮށްދީފައި ވެއެވެ.
"މި މާތް މައްސަރަކީ ނަރަކައިން ސަލާމަތްވުމާއެކު، ހެޔޮ ޢަމަލުތަކަށް މަގުފަހިވުމާއި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މަހެއް. އަދި ރޯދައަކީ ތަގްވާގެ އިތުރުން، ކެތްތެރިކަމުގެ މަތިވެރި ތަމްރީނެއްވެސް ދޭ އަޅުކަމެއް."
ހަމަމިއާއެކު މި މައްސަރުގައި ރޯދަވެރިޔާ ކުރުމަށް އާދަވެފައިވާ ހުއްދަ ބައެއް ކަންތައްތަކުން އެއްކިބާވެ، ހުރުމަކީ ދުނިޔެވީ އެދުންތަކުން ނަފުސު ދުރުކުރުމަށް ލިބޭ ތަރުބަވީ ފިލާވަޅެއްކަމަށް ވަނީ ބުނެފައެވެ. އަދި ރޯދައިގެ ފުރިހަމަ ދަރުމަ ލިބޭނީ ފާފައާއި ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވެގެންކަން ހަނދާންކޮށްދެއެވެ.
ހުތުބާގައި އިތުރަށް ބުނީ ރޯދަމަހަކީ މުސްލިމުންގެ އެންމެހައި ޢަމަލުތައް އެންމެ ފުރިހަމަ ގޮތުގައި ބަހައްޓަންޖެހޭ މަހެއް ކަމަށާއި އެހެންކަމުން، މި މަހުގައި ރަހިމުގެ ގުޅުން ބަދަހިކުރުމާއި، ނިކަމެތިންނަށް އެހީތެރިވުމާއި، ނަމާދު ގާއިމުކުރުމާއި، ކީރިތި ޤުރްއާން ތިލާވަތުކުރުމާއި، އިއުތިކާފުގައި ހުރުން ފަދަ އަޅުކަންތައް ގިނަގިނައިން ކުރުމަށް ބާރުއެޅުއްވިއެވެ.