ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައްޔިތުންނަށް ދެއްވާ ރޯދަ ހަދިޔާ މަސްދަޅު ކޭސް ބަހާ ގަޑިއަށް އަނެއްކާ ވެސް ބަދަލުގެނެސްފިއެވެ.
މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުނި، އެސްޓީއޯ އިން ވިދާޅުވީ މިގަޑިތަަކަށް ބަދަލު ގެނެސްފައިވަނީ މިރެއިން ފެށިގެން ކަމަށެވެ. އެގޮތުން މި ހަރަކާތް މިރޭ ކުރިއަށްދާނީ ރޭގަނޑު 9:30 ން 11 ޖަހަންދެން ކަމަށް ވިދާޅުވެއެވެ.
މީގެއިތުރުން ހޮނިހިރު ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ބެލެވޭތީ، އެދުވަހު މަސްދަޅު ބެހުން ނޯންނާނެ ކަަމަށް ހާމަކުރައްވައެވެ. އަދި ދެން މިކަން ރަމަޟާން މަހުގެ ދެވަނަ ދުވަހުން ފެށިގެން މާރޗު 10 ވަނަ ދުވަހާއި ހަމަައަށް ކުރިއަށްދާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސްތައް މާލޭ ސަރަހައްދުގައި ބަހަން ފެށީ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ.
އެދުވަހު މެންދުރު މަސްދަޅު ކޭސްތައް ބަހަން ފަށާފައިވިޔަސް، ދުވާލު ގަޑީގައި ހޫނު ގަދަވުމާއި ގުޅިގެން ފަހުން ވަނީ ހަމައެކަނި ރޭގަނޑުގެ ވަގުތުގައި ބަހަން ނިންމާފައެވެ.
ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސްތައް ބަހާ ތަންތަނުގައި ކިއުތައް ދިގުވެ، ގިނަ ވަގުތު މަޑުކުރަން ޖެހުމާ ގުޅިގެން އާންމުންގެ ޝަކުވާތައް ބޮޑުވެ، ސަރުކާރުން ވަނީ ޓޯކަން ނިޒާމެއް ތައާރަފްކޮށްފައެވެ. އަދި މަސްދަޅު ކޭސްތައް މާލެ އަދި ހުޅުމާލޭގެ އެކި ފިޔަވަހިތަކުގައި އިތުރު ތަންތަނުން ވެސް ވަނީ ބަހަން ފަށާފައިވެއެވެ.
ޓޯކަން ނިޒާމުގެ ދަށުން، ސަރުކާރުން މަސްދަޅު ކޭސްތައް ބަހަން ކަނޑައެޅި ކޮންމެ ތަނަކަށް ޓޯކަން ދޫކޮށްފައި ވަނީ ވަކި މިންވަރަކަށެވެ. އެއީ މާލޭގައި ހުރި 5 މަރުކަޒަށް 800 ޓޯކަން، ވިލިމާލެއިން މަސްދަޅު ކޭސް ބަހާ ހަމައެކަނި ތަނަށް 100 ޓޯކަނެވެ.
މީގެއިތުރުން ހުޅުމާލޭގެ ފޭސް 1 އަދި 2، ކޮންމެ ފޭސްއެއްގައި ވެސް ހުރި ވަކި ދެ ތަނަށް ދޫކުރީ ތަނަކަށް 100 ޓޯކަނެވެ.