ރާއްޖެ

ރަމަޟާން މަހުގެ ހަނދުބެލުން މިރޭ

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުން މިރޭ އޮންނާނެއެވެ.

 

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ މިއަދު ހަވީރު 5:30 އިން ފެށިގެން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާއި ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި އެތަންތަން ބަންދުކުރާނީ އެ ޑިޕާޓްމަންޓުން ކޯޓުތައް ބަންދުކުރުމަށް އެންގުމުން ނުވަތަ ހަނދާބެހޭ ގަރާރު އިއުލާންކުރުމުން ކަމަށެވެ.

 

ހަނދު ފެނުނުކަމުގެ ހެކިބަސް ދިނުމަށްޓަކާ މީހަކު ނުވަތަ ބަޔަކު އައުމުން އެކަން މައުލޫމާތަށްޓަކާ ވަގުތުން ޑީޖީއޭ އަށް އެންގެވުމަށާއި ހަނދު ފެނުނުކަމުގެ ހެކިބަސް ހޯދާއިރު، ހަނދު ފެނުނުއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، މިންވަރު ފަދަ މައުލޫމާތު ދޭންވާނެއެވެ.

 

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށްޓަކާ އެމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭ ކޯޓެއްގެ ގާޟީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހެކިބަސްދޭނީ އެވަގުތަކު ރަށު ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާގެ ކުރިމަތީގައެވެ.

 

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި ދިއުމުގެ ހަރަދު ޑީޖީއޭ އިން ދޭނެއެވެ.

 

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާރޗް މަހުގެ ފުރަތަމަ ދުވަހެވެ.

 

 

ކޮމެންޓް