ސަރުކާރުން އިއުލާންކުރެއްވި ފްލެޓް ލިސްޓު އެކުލަވާލެއްވުމުގައި ޒައްރެއްގެ މިންވަރެއްގެ ނުފޫޒެއް ވެސް ފޯރުވާފައި ނޯންނާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވާފައިވަނީ ޢިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް އިފްތިތާހުކުރެއްވުމަށް ފަހު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ލިސްޓު އާންމުކުރައްވާފައި އެވަނީ، މިދިޔަ ސަރުކާރުން އިއުލާންކުރެއްވި ލިސްޓުގައި ހުރި މައްސަލަތައް އޭ.ސީ.ސީން ބަލައި، އެ ސަރުކާރުން އިއުލާންކުރެއްވި ޝަރުތުތަކަށް ޕޮއިންޓްދޭން ކަނޑައަޅާފައިވާ އުސޫލަށް ބައްލަވައިގެން ކަމަށެވެ. އަދި ލިސްޓުން ބަޔަކު އުނިވެފައިވާނަމަ، އެ އުނިވީ ސަބަބުތައް ވެސް އެނގޭނެ ކަމުގައި ވިދާޅުވިއެވެ.
ހަމަ ޔަގީނުން ވެސް ގަސްދުގައި އެއްވެސް މީހަކު ލިސްޓުން އުނިކުރައްވާފައި ނުވާނޭ ކަމަށާއި މި ސަރުކާރަކީ ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށްދިނުމުގައި އިންތިހާއަށް ޝައުގުވެރިކަންހުރެ، ހަމަހަމަކަމާއި ލޯތްބާއި ޢަދުލުވެރިކަމާއެކު ޚިދުމަތްކުރަން އައި ސަރުކާރެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މިއީ އެމަނިކުފާނަށް ގެދޮރުވެރިކަމުގެ މައުލޫމާތުތައް އެނގިވަޑައިގަންނަވަން ފެއްޓެވީއްސުރެ، ނުފޫޒެއް ނުފޯރުވާ، ގެދޮރު ލިބޭނޭ މީހުންގެ ލިސްޓެއް ނެރުއްވި ފުރަތަމަ ފަހަރުކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކި ސަބަބުތަކާހުރެ ލިސްޓަށް ނޭރި ރައްޔިތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ އުސޫލުން ޝަކުވާ ހުށަހެޅުއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ހައްގުވެރީންނަށް ފްލެޓް އެކަށައެޅުމަށްފަހު، ބާކީ ފްލެޓް ހުރިނަމަ، މި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑުތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފްލެޓް ހަމަޖެހިގެންދާނޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވަނީ މި ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫއުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަމުގެ ފުރުސަތު ފަހިވެގެންދާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.