މަރާމާތަށްފަހު، އިއްޒުއްދީން ފާލަން ހުޅުވައިފިއެވެ.
ފެބްރުއަރީ 27 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ފާލަން ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގައި އެ ފާލަން ފަރުމާކޮށްފައިވަނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރަމުންދިޔަ އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމުގައި ބަލައިގެންނެވެ. އަދި މިއީ ކުރީގެ ރައީސް މަރްހޫމް މުހައްމަދު އަމީންގެ ވެރިކަމުގައި ހުރި ފަރުމާއެއް ކަަމަށް ބުނެވެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އެމްޓީސީސީން ކުރިންބުނެފައިވަނީ ރަސްމީ ފާލަމަކީ ދިވެހީންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ ތަނަކަށްވާނެ ކަމަށެވެ. އަދި ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ފެންވަރު ރަނގަޅު ފާލަމަކަށް ވާނެކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން އެފާލަން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރު ތަރައްގީކޮށްފައެވެ. އެފަހަރު ވެސް އެ ފާލަމުގެ މަސައްކަތްކުރީ އެމްޓީސީސީންނެވެ.
އޭގެ 9 އަހަރަށްފަހުން އެ ފާލަން މަރާމާތަށް ބަންދުކުރީ ފައިބެއަހަރުގެ މެއިމަހުގެ ފަސްވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި، އާ ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗާ ފަރުމާކުރުމާއި، ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނެއެވެ. މިއީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީއާއާ ހަވާލުކުރި މަޝްރޫއުއެކެވެ.
އިއްޒުއްދީން ފާލަމަކީ ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ގައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުންކުރައްވާ ފާލަމެކެވެ.