ރަށްރަށުގެ ތަރައްގީއަށް ހިންގާ ތަފާތު، މަޝްރޫއުތައް މޮނިޓަރކުރަން ހާއްސަ ޓީމުތަކެއް ނެންގެވުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މި އަހަރުގެ ލާމަރުކަޒީ ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ބެހޭ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ކައުންސިލްތަކަށް ހާއްސަކޮށްގެން ބޭއްވި މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ކައުންސިލްތައް ހިންގުމުގައި ދިމާވާ ހުރަސްތައް ކުޑަކުރުމަށް ޓަކައި ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާ މެދު ފުންކޮށް ވިސްނާ މަޝްވަރާކުރުމެވެ.
މި ބައްދަލުވުމުގައި ކައުންސިލަރުންނާއި ޑެޕިޔުޓީ މޭޔަރުންނާއި، އެލްޖީއޭ އަދި މި ވުޒާރާގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރާއި، ކައުންސިލްތަކާ ގުޅުވައިދިނުމަށް މުހިންމު މަސައްކަތްތަކެއް ވުޒާރާއިން ކުރައްވަމުން ގެންދަވައި ކަމަށެވެ. އަދި ރަށްރަށުގައި މަޝްރޫއުތައް ކުރިއަށްގެންދަން ރާވާއިރު އެ ކަމުގެ މައުލޫމާތު ދުރާލާ ކައުންސިލްތަކަށް އެނގިފައި އޮތުމަކީ މުހިންމު ކަމެއްކަމަށެވެ.