ރާއްޖެ

އާމިނާދިޔޯ ސިއްހީ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ފަށައިފި

ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ފަށައިފިއެވެ.

 

މި ހިދުމަތް ފައްޓަވައިދެއްވީ އެކަމަށްޓަކައި ފެބްރުއަރީ 27 ވަނަ ދުވަހު ހަވީރު އިހަވަންދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.

 

މި ރަސްމިއްޔާތުގައި މެޑަމް ވަނީ ޑައިލިސިސްގެ ހިދުމަތް އަމިއްލަ ރަށުގައި ތިބެގެން ލިބޭނެ މަގު ފަހިވެގެން ދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ވަނީ ރައީސް ޑރ. މުޢިއްޒު ވަރަށް ހާއްސަކަމެއް ދެއްވައިގެން އެމަނިކުފާނުގެ އިސްނެންގެވުމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑައިލިސިސްގެ ހިދުމަތް ދެވޭ މަރުކަޒުތައް އިތުރުކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ވެސް ފާހަގަކުރައްވާފައެވެ.

 

އެކަމަނާގެ މި ދަތުރުފުޅުގައި މި ހިދުމަތް ފައްޓަވައިދެއްވުމަށްފަހު، ވަނީ އެ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެ މަރުކަޒުގައި ޑައިލިސިސް ހިދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުތައް ބައްލަވާލައްވާފައެވެ. އަދި އެތަނުގެ ހިދުމަތްތަކާބެހޭ މައުލޫމާތު ހޯއްދަވާފައެވެ.

 

މި ހިދުމަތް ފެށުމާއެކު އެކަކު ވަނީ ޑައިލިސިސްގެ ހިދުމަތް އެ މަރުކަޒުން ހޯދާފައެވެ. އެރަށުގައި ޑައިލިސިސްގެ ފަރުވާ ބޭނުންވާ 6 މީހަކު ދިރިއުޅެއެވެ.

 

ސިއްހީ މަރުކަޒުގެ ނަރުހުންނާއެކު މި ހިދުމަތް ފެށިއިރު، އެމަރުކަޒުގައި މިހާރުވަނީ ފިޒީޝަނެއްގެ ހިދުމަތް ވެސް ދޭން ފަށާފައެވެ.

 

 

ކޮމެންޓް