ރާއްޖެއިން ބަންގްލަދޭޝްއަށް ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު، އެގައުމުގެ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރ ޑރ. މުހަންމަދު ޔޫނުސްއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި އެކަމަނާ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ އިސްވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެއްބައިވަންތަކަމާއި ގާތް އެކުވެރިކަން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ޑރ. ޔޫނުސްގެ ޒައާމަތުގައި ބަންގްލަދޭޝްއިން ހޯދަމުންދާ ކުރިއެރުންތަކަށް ތައުރީފްކުރައްވައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ޑރ. ޔޫނުސް ވަނީ ރާއްޖޭގެ ސަފީރަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދިހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަންދެވާފައެވެ. އަދި ބަންގްލަދޭޝްގެ ވެރިކަމާއި ހަވަލުވެވަޑައިގެންފަހުން މިވީ ކުރު މުއްދަތުގައި ރާއްޖޭގެ ރައީސް އާ ދެފަހަރެއްގެމަތިން ބައްދަލުވެވަޑައިގެންފައިވާ ކަމަށާއި މިއީ ދެގައުމުގެ ދެމެދުގައިއޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.
އެގައުމުގެ ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމަށް ޝުކުރުދަންނަވައި، ސަފީރު ޝިއުނީން ވަނީ ބަންގްލަދޭޝްއަކީ ހާއްސަކޮށް މަތީތައުލީމާއި ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް މުހިންމު ގައުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ސިއްހީ ދާއިރާއިން މަތީތައުލީމް ހާސިލް ކުރުމަށް ކޮންމެ އަހަރަކު އެގައުމުން ރާއްޖެއަށް ދެމުންދާ ސްކޯލަޝިޕްގެ ފުރުސަތުތަކާއި މެޑިކަލް އިންޓަރންޝިޕްގެ ފުރުސަތުތައް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ގަވާދާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ބިދޭސންގެ މައްސަލަ ހައްލުކުރުމަށް މިހާރު ހޯމް މިނިސްޓްރީން ފަށައިގެން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތަފްސީލް އެކަމަނާ ވަނީ ޑރ. ޔޫނުސްއަށް އަރުވާފައެވެ. އަދި ޑރ. ޔޫނުސް ވަނީ ބަންގްލަދޭޝް ސަރުކާރުގެ އެއްބާރުން މިކަމުގައި ރާއްޖެއަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
ހަމަމިއާއެކު ބައިނަލްއަގްވާމީ މަޝްރަހުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅުންހުރި މަޝްވަރާތަކާއި ރާއްޖެއާއި ބަންގްލަދޭޝް ފަދަ މޫސުމީ ބަދަލުތަކަގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތައް ގުޅިގެން އެކުއެކީގައި މަސައްކަތް ކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.