ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމުކުރި 3 ވަނަ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުން، ފުރަތަމަ ފަހަރަށް ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މަރުހަބާ ވިދާޅުވެއްޖެއެވެ.
ގައުމީ ޓީމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް އާއި ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް، އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރިޔާޟް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ކުޅުނު މުބާރާތުގެ ފައިނަލްމެޗުން ދިވެހި ޓީމުގެ މައްޗަށް އިންޑިއާ ޓީމުން ކުރި ހޯދީ، 107-32 ގެ ނަތީޖާއަކުންނެވެ.
މިއީ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތަކުން ދިވެހި ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. މީގެކުރިން ދެ ފަހަރެއްގެ މަތީން ދިވެހި ގައުމީ ޓީމުން ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދާފައެވެ. އެއީ 2016 ވަނަ އަހަރާއި 2022 ވަނަ އަހަރުގައެވެ.