ރާއްޖެ

ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުސަތު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮންލައިން ޕޯޓަލް ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

 

މިކަން އިފްތިތާހްކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރުއެވެ.

 

މިރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު ވިދާޅުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިކަން ހަގީގަތަކަށް ހެދިގެންދިޔަކަމީ ވަރަށް އުފާކުރާކަމެއްކަމަށެވެ. އަދި މިކަމަކީ މިނިސްޓަރުގެ ދުރުވިސްނުމާއެކު ކުރިއަށް ގެންދިޔަ ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ.

 

މީގެއިތުރުން މިކަން ހަގީގަތަކަށް ހެދުމަށްޓަކައި މީރާއާއި މިނިސްޓްރީގެ ކަމާއިގުޅޭ މުވައްޒަފުން ކުރެއްވި މަސައްކަތަކަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.

 

މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ ފާއިތުވެދިޔަ ހަފްތާގައި ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ހުށައެޅުއްވިކަމެއް، ކުޑަ މުއްދަތެއްގެ ތެރޭގައި ނިންމަވާ ހަގީގަތަކަށް ހެއްދެވީތީ މީރާގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާކަމަށެވެ. އަދި ދިވެހިންނަކީ ހެޔޮކަންކަމަށް ހޭދަކުރުމަށް ޝައުޤުވެރިކަން ހުރި ބައެއްކަމަށެވެ.

 

މީގެއިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެހީތެރިވުމަށް ދިވެހިން ކުރަމުން ގެންދާ މަސައްކަތްތައް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ރާއްޖޭން ބޭރުގެ އެކި ކަންކަމަށް އެހީތެރިވާ ފަދައިން ރާއްޖޭގެ އެތެރޭގައި ހުރި އެކި ހެޔޮ ކަންކަމަށް ވެސް ހޭދަކުރުމަކީ މުހިއްމު ކަމެއްކަމަށާއި އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާ ކުރުމާއި ޤުރުއާން ކުލާސްތަކާއި ލައިބްރަރީތައް ގާއިމް ކުރުން ފަދަ މުހިއްމު ކަންކަން ކުރަން ޖެހިފައި އެބަހުރިކަމަށް ވިދާޅުވިއެވެ.

 

ވާރުޕޭ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަކުރުމަށް އަލަށް ތައާރަފްކުރި ކަންތަކުގެ ތެރޭގައި މިސްކިތް ބިނާކުރުމާއި މިސްކިތްތައް މަރާމާތު ކުރުމާއި ޤުރުއާން މަރުކަޒުތައް ގާއިމްކުރުމާއި ހެޔޮ އެކި ކަންކަމަށް ހައިރާތުގެ ގޮތުގައި ސަދަގާތް ކުރުމުގެ ފުރުސަތު ހިމެނެއެވެ.

 

 

ކޮމެންޓް