ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި ހއ. އިހަވަންދުއަށް ވަޑައިގެންފިއެވެ.
އެކަމަނާ އިހަވަންދުއަށް ވަޑައިގަތުމުން ރަސްމީކޮށް މަރުހަބާ ދެންނެވީ ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ނަޞީރެވެ.
މިއީ އިހަވަންދޫ އާމިނާދިޔޯ ސިއްހީ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެކަމަށްޓަކާ ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރުއެވެ.
މި ރަސްމިއްޔާތަށްފަހު ސިއްހީ މަރުކަޒަށް ވަޑައިގެން ޑައިލިސިސް ޔުނިޓުގެ މަސައްކަތްތައް ބައްލަވާލައްވާނެއެވެ.
މީގެއިތުރުން، "ފުއްޓަރު އުފާ" ގެ ނަމުގައި އެރަށުގައި ތަރައްގީކުރާ ހިތްފަސޭހަ މައިޒާނުގެ ބިންގާ ވެސް އަޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އޭ.ކޭ.އެޗް ފައުންޑޭޝަން ގުޅިގެން ތަރައްގީކުރާ މައިޒާނެކެވެ.
އިހަވަންދޫ މަރުކަޒުގައި ޑައިލިސިސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅަކަށްވާއިރު، މިދިޔަ ޖެނުއަރީމަހު އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރަމަޟާން މަހުގެ ކުރިން އެރަށުގައި ޑައިލިސިސްގެ ހިދުމަތް ފަށްޓަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.