ރާއްޖެ

ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުން ރިހި މެޑަލް ހޯދި ރާއްޖޭގެ ޓީމަށް ރައީސްގެ ތަހުނިޔާ

ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމުކުރި ތިންވަނަ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުން ރިހި މެޑަލް ހޯދައިދިން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

 

"އެކްސް" ގެ އެމަނިކުފާނުގެ ރަސްމީ އެކައުންޓުގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައި ވަނީ މުބާރާތުގެ ފައިނަލުގައި ރާއްޖެ އާއި އިންޑިއާ ވާދަކުރި މެޗުގައި ދިވެހި ގައުމީ ޓީމުން ދެއްކި ރީތި ކުޅުމާއި ކުރި ހިތްވަރަށް ސާބަސް ދެއްވާފައެވެ.

 

މި މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ކުޅުނު މުބާރާތުގެ ފައިނަލް މެޗުން ދިވެހި ޓީމުގެ މައްޗަށް އިންޑިއާ ޓީމުން ކުރި ހޯދީ، 107-32 ގެ ނަތީޖާއަކުންނެވެ. މިއީ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތަކުން ދިވެހި ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

 

މީގެކުރިން ދެ ފަހަރެއްގެ މަތީން ދިވެހި ގައުމީ ޓީމުން ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދާފައެވެ. އެއީ 2016 ވަނަ އަހަރާއި 2022 ވަނަ އަހަރުގައެވެ.


ކޮމެންޓް