ރާއްޖެ

ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކޮށްފި

ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029، އިފުތިތާހުކޮށްފިއެވެ.

 

މި އެކްޝަން ޕްލޭން އިފްތިތާހުކޮށްދެއްވީ ހެލްތރު މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.

 

މި ތައާރަފުކުރި ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. މި ޕްލޭނަކީ ނަފްސާނީ ސިއްތުގެ ހިދުމަތްތައް ހަރުދަނާކުރުމާއި، ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަގުސަދުގައި އިފްތިތާހުކުރެއްވި ޕްލޭނެކެވެ.

 

މިގޮތުން މި ޕްލޭން އެކުލަވާލެވިފައިވާ ކަންކަމުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރުމާއި، ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކަން އިތުރުކޮށް އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސިޔާސަތުތަކާއި، ސްޓޭންޑާޑްތަކާއި، ގައިޑްލައިންތައް އެކުލަވާލުމާއި، ސިއްހީ ހިދުމަތްތެރިންގެ ހުނަރު އިތުރުކުރުމާއި، ނަފްސާނީ ބަލިތަކާމެދު އޮންނަ ނޭދެވޭ ވިސްނުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.

 

މީގެއިތުރުން މި ޕްލޭންގައި އެކި އުމުރު ފުރާގެ މީހުންނަށް، ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކިއެކި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ނަފްސާނީ ޞިއްޙަތަށް އަހަންމިއްޔަތުކަން ދިނުމަށް އިސްކަންދީފައިވެއެވެ. ހަމައެއާއިއެކު ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެ މުޖުތަމަޢުއަކީ، ނަފްސާނީ ގޮތުން ބާރުވެރި އަދި ޤާބިލު ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ހެދުމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކުރުމަށް ވެސް މި ޕްލޭން ބާރު އަޅައެވެ.

 

ދިވެހިރާއްޖޭގައި ނަފްސާނީ ސިއްހަތު ކުރިއެރުވުމަކީ މި ސަރުކާރުން، ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އެންމެ އަހަންމިއްޔަތުކަން ދެއްވާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

 

 

ކޮމެންޓް