ރާއްޖެ

ފްލެޓު ލިސްޓު އިއުލާންކުރުން މިއަދު

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓު ލިބޭ ފަރާތްތައް މިއަދު އިއުލާން ކުރާނެކަމަށް ބެލެވެއެވެ.

 

އެގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު މެންދުރު 12:45 ގައި ބޭއްވުމަށް މިހާރުވަނީ ތާވަލުކޮށް، ނޫސްވެރިންނަށް އެ ދައުވަތު ވެސް ފޮނުވާފައެވެ.

 

ފްލެޓު ލިސްޓުގެ މައްސަލައިގާ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރެްއވި ދަތުރުފުޅުގައި އެ އަތޮޅު މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވިދާޅުވެފައިވަނީ ފްލެޓް ލިސްޓުގެ މައްސަލަ މިހާރު ވަނީ ހައްލުކުރެއްވިފައި ކަމަށެވެ. އަދި ވަނީ އިތުރަށް ލަސްކުރުމެއް ނެތި، މި ހަފުތާ ނިމުމުގެ ކުރިން ލިސްޓު ނެރުއްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.

 

މީގެއިތުރުން ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަހައްދުން ގޯތި ކަނޑައަޅުއްވާ، ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނޭ ކަމަށް ވެސް ވިދާޅުވިއެވެ.

 

"ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރުވަނީ ބަދަލުގެނެވިފަ. ގޯތި ލިބޭ މީހުންނަށް، ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ކުރިއަށްގެންދެވޭނެ."

 

އެމަނިކިފާނު ވިދާޅުވީ މިކަމުން އިސްތިސްނާ ވާނީ، ބުރިޖު އަޅާ ސަރަހައްދުން ގޯތި ލިބޭ މީހުން އެކަނި ކަމަށެވެ.

 

ހަމަމިއާއެކު ގިރާވަރު ފަޅުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ވަނީ، ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލައި، މި ސަރުކާރުން ބިންހިއްކުމުގެ މަސައްކަތާ ހަވާލުވާނޭކަން ހާމަކުރައްވާފައެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ވެސް ވައުދު ފުއްދަވައިދެއްވާނޭކަމަށް ވިދާޅުވިއެވެ.

 

އުތުރު ތިލަފަޅަށް އިޝާރާތްކުރައްވަމުން ވިދާޅުވީ ގޯތީގެ މައްސަލަ ހައްލުކުރެއްވުމަށްޓަކައި، އެފަޅުން 125 ހެކްޓަރު ހިއްކުމުގެ މަސައްކަތް މިއަހަރު ފައްޓަވައި، އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނޭކަމަށެވެ. އަދި ހުޅުމާލޭ ފަޅުން ހިއްކާ ސަރަހައްދުގެ މަސައްކަތް ވެސް މި އަހަރުގެ ޖުލައި މަހާ ހަމައަށްދާއިރު ނިމޭނޭކަމަށް ވިދާޅުވިއެވެ.

 

 

ކޮމެންޓް