އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސައުތު އޭޝިއާ ރީޖަނަލް އިންފްރާސްޓްރަކްޗަރ ކަނެކްޓިވިޓީ (ސާރިކް) މެދުވެރިކޮށް ބިލްޑިންގ ކޯޑާ ގުޅޭ ތަމްރީނު ސެޝަންތަކެއް މިއަދު ފަށައިފިއެވެ.
މި ތަމްރީނު އަމާޒުކުރެވިފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކުގެ ޓެކްނިކަލް މުވައްޒަފުންނަށެވެ.
މި ސިލްސިލާގެ ފުރަތަމަ ބައި ކުރިއަށް ގެންދެވުނީ އޮންލައިންކޮށެވެ. އަދި މި ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށްދާނެ ޕްރެކްޓިކަލް ސެޝަންތައް ވެސް ހިމެނެއެވެ.
މި ތަމްރީނު ދެއްވަނީ ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ ސިޑްނީގެ ސްކޫލް އޮފް ބިލްޓް އެންވަޔަރަންމަންޓްގެ އެސޯސިއޭޓް ޕްރޮފެސަރ ޑރ. ސަޢީދު ބަނީހާ ޝެމީ އާއި އެޑްޖަންކްޓް ޕްރޮފެސަރ ރޭމަންޑް ލަވްރިޖްއެވެ.
މިއަދުގެ ސެޝަން އޮބްޒާވްކުރުމަށް އޮސްޓްރޭލިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރ އެންޑްރޫ ހޮޖެސް، އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ސައުތު އެންޑް ސެންޓްރަލް އޭޝިއާ ޑިވެލޮޕްމަންޓް ސެކްޝަންގެ އެސިސްޓަންޓް ޑިރެކްޓަރ އިޝާރާ ޑޭވީ، މިނިސްޓްރީ އޮފް ހައުސިންގ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޢިމްރާން ޙަސަން އަދި ސާރިކް ޓީ.އެން.އެސް. ޕަލޭޑިއަމް އިންޑިއާގެ އޮޕަރޭޝަންސް އެންޑް ޕްރޮކިއުމަންޓް ލީޑް ފެލިކްސް އެންޓަން، ބައިވެރިވެވަޑައިގެންނެވިއެވެ.