ރާއްޖެ

އަމާޒަކީ އިދާރީ ދާއިރާތައް ބާރުވެރިވެ، ރަށްތައް ތަރައްގީވުން: މިނިސްޓަރ

މިނިސްޓްރީގެ އަމާޒަކީ އިދާރީ ދާއިރާތައް ބާރުވެރިވެ، ރަށްތައް ތަރައްގީވެ، ރައްޔިތުން ތަހުޒީބުވުމުގެ ތަސައްވުރު ކަމަށް ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

 

އެ މަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިލާ ކޮލެޖުގެ އޯސަންވިއު ހޯލުގައި މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފައްޓަވައި ދެއްވެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

 

އެމަނިކުފާނު ވަނީ ލާމަރުކަޒީ ދުވަހަކީ ހަގީގީ މާނާގައި ދިވެހި ރައްޔިތުންނަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި އެއީ ގާނޫނު އަސާސީއަށް އާބާބެއް އެކަށައަޅައި، ރައްޔިތުންނާ ގާތުން ވެރިކަންކުރުމުގެ އިހްތިޔާރު ލިބިދިންކަން ކަށަވަރުވި ދުވަސް ކަމަށެވެ.

 

މީގެއިތުރުން ރައްޔިތުންނާއި ގާތުން ރައްޔިތުން އެދޭ ކަންކަން ކޮށްދިނުމަކީ ލާމަރުކަޒީ ނިޒާމްގެ ސިފަކަން ފާހަގަކުރައްވާ މި ނިޒާމަށް 14 އަހަރު ފުރި 15 އަހަރަށް އަރައިގެން ދިޔަ އިރު، އަދިވެސް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އަދި މާލީ ތަނަވަސްކަން އިތުރުކުރުމަށާއި އެ ކަމަށް ފުރުސަތުތައް ހޯދަން މަސައްކަތްކުރަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

 

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ކައުންސިލްތަކަށް ރައްޔިތުންގެ އިތުބާރު އެބަ އޮތްކަމަށެވެ. އެހެނނަމަވެސް ކައުންސިލްތަކަށް ކުރެވޭ އިތުބާރު ބޮޑުކުރުމަށްޓަކައި ކައުންސިލްތަކާއި، ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރުކުރުމަށް އަދިވެސް މަސައްކަތްތައް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

 

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިނިޒާމާ މެދު އުންމީދުތަކެއް އޮތްކަމަށާއި ވަރަށް ގިނަ ކާމިޔާބުތައް ހޯދާފައިވާ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ތަންފީޒް ކުރުމުގައި ސަރުކާރުގެ ސިޔާސަތެއް ވެސް އެބަ އޮތްކަމަށެވެ.

 

ސަރުކާރާއި، ކައުންސިލްތަކާއެކު އޮތް ބަދަހިކަމަކީ މި ނިޒާމް ހަރުދަނާކުރުމަށް ސަރުކާރަށް އެޅުނު އެންމެ ރަނގަޅު ފިޔަވަޅުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.


ކޮމެންޓް