ރާއްޖެ

ސަރުކާރުގެ ބޭނުމަކީ ސްޕްރީމު ކޯޓަށް ބިރުދައްކާ، ނުފޫޒު ފޯރުވުން: ޑިމޮކްރެޓްސް

ސުޕްރީމް ކޯޓަށް ސަރުކާރުން ބިރުދައްކައި މިނިވަންކަން ނަގާލުމަށް ހިންގަމުންދާ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.

 

އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓަށް އަމާޒުކޮށް ސަރުކާރުން މިހާރު އަޅަމުން އެގެންދާ ފިޔަވަޅުތަކާމެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި ސަރުކާރުގެ އެ ޢަމަލުތައް ކުށްވެރިކުރާ ކަމަށެވެ.

 

މީގެއިތުރުން އެކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރާ މި ތިން ފަނޑިޔާރުން އެއްފަހަރާ ކުއްލިގޮތަކަށް ސަސްޕެންޑްކޮށް، ކޯޓުގެ ހިނގުން ހުއްޓުވައި، އަޅަމުން އެ ގެންދާ ފިޔަވަޅުތަކަކީ އެ ކޯޓަށް ބިރުދެއްކުމަށާއި ޖުޑިޝަރީގެ މިނިވަންކަން ނަގާލުމަށް އަޅަމުންގެންދާ ފިޔަވަޅުތަކެއްކަމަށް ވެސް ވަނީ ބުނެފައެވެ.

 

އެ ބަޔާނުގައި ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އާދަޔާހިލާފު އިޖުރާއަތްތަކަކުން ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ކުއްލިއަކަށް ފާސްކޮށް، އަދި އެ ގާނޫނު ފާސްކުރުމަށްފަހު އެ ގާނޫނުން މަދުކުރާ ފަނޑިޔާރުންގެ އަދަދަށް ފެއްތުމަށްޓަކައި، ފަނޑިޔާރުން ތަކެއްގެ މައްސަލައެއް ބަލަންފެށިކަން ކުއްލިއަކަށް އިއުލާނުކޮށްފައިވާ ކަަމަށެވެ. އަދި އެއަށްފަހު ޖުޑިޝަލް ސަރވިސް ކޮމިޝަނުން އެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ސުޕްރީމް ކޯޓުގެ ހިންގުން ހުއްޓުމަކަށް ގެނެސްފައިވާކަމަށް ވަނީ ބުނެފައެވެ.

 

ޑިމޮކްރެޓުން ބުނީ މިކަން ސަރުކާރުން ކުރިގޮތް ފުރަތަމަ ނަޒަރުން ބެލިކަމުގައި ވީނަމަވެސް އެކަމަކީ ސުޕްރީމް ކޯޓަށް ބިރުދެއްކުމަށާއި ނުފޫޒުފޯރުވުމަށާއި މިނިވަންކަން ނަގާލުމަށް ކުރިކަމެއްކަން ފުރިހަމައަށް ގަބޫލުކުރެވޭ ކަމަށެވެ.

 

 

ކޮމެންޓް