މާލެ ނޯތު ހާބަރު ސަރަހައްދުގައި އޮޕަރޭޝަން ކުރަނގީގެ ހާއްސަ ހަރަކާތެއް މިއަދު ކުރިއަށްގެންދަން ނިންމައިފިއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީ ވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
ގްރޭޓަރ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، ވަޒީފާ ދޭ ފަރާތްތަކަށް ހޯމް މިނިސްޓްރީން އެންގީ މިމަހުގެ ދެވަނަ ދުވަހުއެވެ.
މި މަސައްކަތުގެ ދަށުން މާލެ ސަރަހައްދުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޮޑު އޮޕަރޭޝަނެއް ފަށާފަވާއިރު، މާލެ ނޯތު ހާބަރު ސަރަހައްދާއި، ލޯކަލް މާރުކޭޓް އަދި އަތޮޅު ފިހާރަތަކުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށް، މިއަދު މެންދުރުފަހު 2 ން މިރޭ 10 ޖަހަންދެންނެވެ.
މި އިވެންޓް އޮންނާނީ ނޯތު ހަބާރުގައި ހުންނަ (ދަ ޝޮޓް ހާބަރ ރެސްޓޯރަންޓް) ސަރަހައްދުގައެވެ. އެހެންކަމުން މިސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން، މިއިވެންޓުގައި ބައިވެރިކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ހޯމް މިނިސްޓްރީން ވަނީ އެދިފައެވެ.
މާލެ ނޯތު ހާބަރު ސަރަހައްދުގައި އޮޕަރޭޝަން ކުރަނގީގެ ހާއްސަ ހަރަކާތެއް މިއަދު ކުރިއަށްގެންދަން ނިންމާފަވާއިރު، މާލެ ސަރައްހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މަސައްކަތް އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ނިންމުމަށް ހޯމް މިނިސްޓްރީން ވަނީ ދާދި ފަހުން އެދިފައެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ މަސައްކަތް މިއަހަރުގެ މާރިޗް އެއްވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ކައުންސިލްތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ. އަދި ރިޒޯޓްތަކާއި ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާ، އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން އެން.ސީ.އައި.ޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
މި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ހިދުމަތް މެދުކަނޑާލެވޭނެ ކަމުގައި ވެސް ހޯމް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.