ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދު ސަސްޕެންޑުކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައި މިވަނީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ބަދަލުކުރި މައްސަލައިގެ އަޑުއެހުމަށް ކުޑަތަން ވެފައިވަނިކޮށްނެވެ. މި އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11 ޖަހާއިރަށެވެ.
އެހެންނަމަވެސް މި ސަސްޕެންޝަނާއި ގުޅިގެން މިއަދުގެ އަޑުއެހުން މިހާރުވަނީ ކެންސަލްކޮށްފައެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް މިއަދު ވަނީ ފާސްކޮށްފައެވެ. ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުންގެ ތާއީދާއެކުގައެވެ. އެ ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވާފައި ވެއެވެ.
އެ މައްސަލަ ކުރިއަށްދަނިކޮށް މި ބިލް ހުށަހެޅުމަކީ ޖުޑިޝަރީއަށް ބާރު ފޯރުވައި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އިދިކޮޅުން ވަނީ ސިފަކޮށްފައެވެ.