ރާއްޖެ

ޒަކިއްޔާގެ މަރު - ފުުލުހުންގެ އެއްވެސް އިހުމާލެއް ވާނަމަ އެކަންބަލައި، ފިޔަވަޅު އަޅާނަން: ސީޕީ

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މަރުގެ ތަހުގީގުގައި ފުލުހުންގެ އެއްވެސް އިހުމާލެއް ވާނަމަ، އެކަން ބައްލަވައިދެއްވާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްވައިފިއެވެ.

 

އެމަނިކުފާނު މިޔަގީންކަން ދެއްވީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެރަށު ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނާއެކު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަދައްކަވަމުންނެވެ.

 

އެ މައްސަލައަކީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަމުން އަންނަ މައްސަލައެއްކަން ފާހަގަކުރައްވާ ސީޕީ ވިދާޅުވީ މި މައްސަލަ ދިގުލައި ހިނގައްޖެނަމަ، އޭގެ އިތުބާރުވެސް ގެއްލޭނެ ކަމަށާއި ވީހާވެސް ރަނގަޅަކަށް ފުލުހުން މިކަމުގަ ވި އިހުމާލެއް ބައްލަވާނެ ކަމަށެވެ.

 

" އެކަމުގަ ބަޔަކު ޒިންމާވާ ކަމުގައި ވާނަމަ އެފަރާތްތަކާ ދޭތެރޭގަ ފިޔަވަޅު އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން."

 

މީގެއިތުރުން ޒަކިއްޔާ މަރުވީ އާދައިގެ ގޮތަކަށް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި ބައްދަލުކުރައްވަން އެދުނު އެންމެނާ ބައްދަލުކުރައްވާފައި ވާކަމަށް ވިދާޅުވިއެވެ.

 

ސީޕީ އިތުރަށް ވިދާޅުވީ އޭގެތެރެއިން އެއް ބައްދަލުވުމުގައި ކަންތައްތަކެއް ފާހަގަކުރެވުމުން ތަހުގީގުގެ ރިވިއުއެއް ހެދުމަށް އެންގުމުން އެ މަސައްކަތް ވެސް ކުރިއަށް ގެންދާކަމަށެވެ. އަދި މިއީ މަރުގެ މައްސަލައެއް ކަމަށްވާތީ، މައްސަލައިގެ ފުންމިނަށް ދިއުމަކީ އެމަނިކުފާނުގެ ވެސް ޒިންމާއެއް ކަމަށެވެ.

 

މި މައްސަލައިގައި ރާއްޖެއިން ބޭރުގެ ދެ ޓީމަކާ ބައްދަލުކުރައްވާ މިކަމުގައި އެބޭފުޅުންގެ ރައުޔު ވެސް ހޯދާފައި ވާނެ ކަމަށާއި މިހާތަނަށް ބެލި ކަންތައްތަކާއެކު ޕެތަލޮޖިސްޓެއްގެ އިތުރުން ނަފުސާނީ އިލްމުވެރީންނާއި މިފަދަ މައްސަލަތަކުގެ ތަޖުރިބާކާރުންނާ އެކު މަސައްކަތްތަކެއް ކުރަން ނިންމާ އެމަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

 

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ފައިބެއަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނެވެ. 


ކޮމެންޓް