ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތަށް ވަޑައިގަތުމުން ރެހެންދި ފުޓްސަލް ދަނޑުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިޟްވާން މޫސާއެވެ.
މި ރަސްމިއްޔާތުގައި ނައިބު ވަނީ މި ޗެލެންޖުގެ ފައިނަލް މެޗް ކުޅޭ ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވައި ހިތްވަރު ދެއްވާފައެވެ.
މި މެޗުގައި ހދ. ނާވައިދޫ އަދި ކ. ކާށިދޫ ފުޓްސަލް ޓީމު ބައްދަލުކޮށް 4 - 1 ން ކާމިޔާބުކުރީ ކާށިދޫ ޓީމުންނެވެ.
މި ރަސްމިއްޔާތުގައި، "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ގެ ނިމުން ފާހަގަކޮށް، މި މުބާރާތުގެ އެކިއެކި ވަނަތަކަށް އިނާމު ދެއްވާފައިވެއެވެ. މީގެތެރޭގައި އެކިއެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށާއި ރެފްރީންނަށް އިނާމު ދީފައިވެއެވެ. އަދި މި މުބާރާތުގެ ރަނަރަޕް ޓީމަށް ރިހި މެޑެއްޔާއި ފައިސާގެ އިނާމު އަދި ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ނައިބު ވަނީ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2025" ގެ "ކިންގް އޮފް ދަ ޓޯނަމަންޓް" ގެ މަގާމު ހޯދި ކާށިދޫ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ސަލީލް އަށް ތާޖު ހަވާލުކޮށްދެއްވައި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައެވެ.
މިއީ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ގޯލްކީޕަރެއް ހޯދި ފުރަތަމަ ފަހަރެވެ.