އިސްރަށްވެހިންގެ ނާދީގެ ފުރަތަމަ އަހަރީ ދުވަސް ދުވަސް ފާހަގަކޮށްފިއެވެ.
ފެބްރުއަރީ 17 ވަނަ ދުވަހު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.
ފުރަމާލޭގައި ގާއިމްކޮށްފައިވާ އިސްރަށްވެހިންގެ ނާދީއަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން އުފެއްދެވި މަރުކަޒެކެވެ.
އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިންތިޒާމުކުރެވިގެން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާ މަރުކަޒުތަކެއް ގާއިމްކުރުމަށް އެމަނިކުފާނު ވެލެއްވި ވައުދުފުޅާއި އެއްގޮތަށް ހުޅުވި ފުރަތަމަ އިސްރަށްވެހިންގެ އިޖްތިމާއީ މަރުކަޒަކީ މިއީއެެވެ.
މި މަރުކަޒުގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ލުއި ކަސްރަތު ޕްރޮގްރާމްތަކާއި މިންހެޔޮ ކާނާ ތައްޔާރުކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް ހިންގައެވެ. އަދި ހެލްތު ސްކްރީނިންގ ޕްރޮގްރާމުތަކާއި، ޑިމެންޝިއާ ސްކްރީނިންގ، އަދި ސިއްހީ ތަފާތު މައުޟޫތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ވެސް ދަނީ ހިންގަމުންނެެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އާންމު މައުލޫމާތު މުއްސަނދިކުރުމާއި ޑިޖިޓަލް މަންސަތަކަށް އަހުލުވެރިކުރުުގެ ހަރަކާތްތައް ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި ސައިބަރ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތްތަކާއި ގުޅޭ މުހިންމު ސެޝަންތައް ބާއްވައެވެ.
ހަމަމިއާއެކު އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހޯމް ގާޑަނިންގ އާއި ޅެންވެރިކަމާއި ގުޅޭ ކްލާސްތަކާއި މުހިންމު ދުވަސްތައް ފާހަގަކުރުމުގެ އިވެންޓުތައް ވެސް ބާއްވައެެވ. އަދި އައުޓް ޑޯ ހަރަކާތްތައް ހިމެނޭހެން ގިނަ ހަރަކާތްތަކެއް ފާއިތުވިއަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައި ވެއެވެ.
ފައިބެއަހަރުގެ ތެރޭގައި އިސްރަށްވެހިންގެ ނާދީގައި އިސްރަށްވެހިންނަށް ހާއްސަކޮށްގެން 300 އަށްވުރެ ގިނަ ޕްރޮގްރާމު ވަނީ ހިންގިފައެވެ. އަދި މި ޕްރޮގްރާމުތަކުގައި އެކިފަހަރުމަތިން 7000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.