ޚަބަރު ރާއްޖެ

ރައީސްގެ ރަސްމީ ފުރަތަމަ ދަތުރުފުޅު ނޫމަރާއަށް، ތަރައްގީ އަށް އިސްކަންދެއްވާ މިންވަރު ހާމަވި!

2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ށ. ނޫމަރާގެ ތަރައްގީ އަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ.

 

މިކަންކަން އިއުލާންކުރެއްވީ ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނޫމަރާ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

 

އެގޮތުން ކުޅިވަރުގެ ދާއިރާއިން ޒަމާނީ ފުޓުބޯޅަދަނޑަކާއި ވޮލީކޯޓެއް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަންދެއްވިއެވެ. އަދި ތައުލީމީ ދާއިރާއިން ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު ވެސް ތަރައްގީކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

 

މީގެއިތުރުން ނޫމަރާގެ އިންޖީނުގޭގެ މަސައްކަތް ނިންމާ ރީލޮކޭޓް ކުރުމުގެ މަސައްކަތްތައް ވެސް އަންނަ ރަމަޟާން މަހުގެ ކުރިއަށް ނިންމަވާދެއްވާނެކަމަށާއި މިމަސައްކަތް ނިންމުމަށް ފެނަކައަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ހަމަމިއާއެކު ރައްޔިތުންގެ އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް އާރް.ޓީ.އެލް ރޫޓު ދިގުވުމުގެ މައްސަލައަށް ވެސް ހައްލު ހޯއްދަވައިދެއްވާނެކަމުގައި ފާހަގަކުރެއްވިއެވެ.

 

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ހައިސިއްޔަތުން ނޫމަރާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެހެންނަމަވެސް 2024 ވަނަ އަހަރުގެ ފެބްރުއަރީ ގައި މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ނޫމަރާ ކައުންސިލާއި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވިއެވެ.

 

ޒުވާނުންނަށް ހާއްސަ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދެއްވުމާއި، ފުލުހުންގެ ހިދުމަތް ދޭތަނެއް ގާއިމުކުރަން ބޭނުންވާކަމުގައި އެ ބައްދަލުވުމުގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއިރު، އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިފަދަ ގިނަ މަޝްރޫއުތަކަކަށް ވަނީ ޢަމަލީ ސިފަގެނެސްދެއްވާފައެވެ.

 

ނޫމަރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތާއި، ޕޮލިސް ސްޓޭޝަން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި، އައު މިސްކިތް ބިނާކުރުމުގެ މަޝްރޫއު ރައީސްގެ މި ދަތުރުފުޅުގައި ވަނީ ފައްޓަވާދެއްވާފައެވެ. އަދި ނޫމަރާ ކައުންސިލް އިދާރާގެ އައު އިމާރާތް ވެސް ވަީ ހުޅުއްވައިދެއްވާފައެވެ.

 


  • ށ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް