2026 ވަނަ އަހަރު ނިމޭއިރު، ހުރިހާ ހިސާބެއްގައި ވެސް އެރަށެއްގެ ނިސްބަތުން ސިއްހީ ޓެސްޓުތައް ހެދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހީރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
އެމަނިކުފާނު މިޔަގީންކަން ދެއްވީ މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ. ރައީސްގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ނޫމަރާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސިއްހަތާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވާފައިވާ މިންގަނޑުތަކާ އެއްގޮތަށް އެރަށެއްގެ ނިސްބަތުން، އެރަށެއްގައި ހަދަންޖެހޭ ޓެސްޓުތައް ނުހެދޭނެ އެއްވެސް ރަށެއް، 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފައެވެ.
ސިއްހީ ދާއިރާއަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވައިގެން ތަރައްގީކުރައްވާ އެއްދާއިރާކަން ފާހަގަކުރައްވާ ވިދާޅުވީ އިންސާނީ ވަސީލަތުގެ ގޮތުންނާއި އުމްރާނީ ގޮތުންވެސް ސިއްހީ ދާއިރާއަށް އިސްކަންދެއްވައިގެން، މިހާރުވެސް ކުރިއެރުންތައް ހޯއްދަވައިދެއްވަމުން ގެންދަވާކަމުގައެވެ.
މީގެއިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި 2 އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ލެބޯޓްރީތައް ގާއިމުކޮށް ނިންމެވުމުގެ އަމާޒާ އެއްގޮތަށް ނޫމަރާގައިވެސް ލެބޯޓްރީ ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.
ހަމަމިއާއެކު ރަށުގެ ތަރައްގީއަށް އެކި ދާއިރާތަކުން ބޭނުންވާ މުހިންމު މަޝްރޫއުތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައި ވެއެވެ. އަދި ރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވާނީ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަމަށް ރިއާޔަތްކުރައްވައިގެން ކަމުގައި ވިދާޅުވިއެވެ.
އެގޮތުން ދޯނިއެހެލާނެ ސަރަހައްދަކާއި، މޫދަށް އެރޭނެ ސަރަހައްދެއް ވެސް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ހަމަމިއާއެކު ފެނާއި ނަރުދަމާގެ މަސައްކަތްތައް ވެސް ވަރަށް ރަނގަޅަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.