ޚަބަރު ރާއްޖެ

މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނެއް ހަދާއިރު، ކައުންސިލުގެ ބައިވެރިވުން އޮންނަންވާނެ: މޭޔަރ

މާލެ ސިޓީ ސަރަހައްދުގެ އެއްވެސް ބިމަކަށް ލޭންޑް ޔޫސް ޕްލޭނެއް ހަދާއިރު، މާލެ ސިޓީ ކައުންސިލުގެ ބައިވެރިވުމެއްނެތި ކުރިއަށް ނުގެންދިއުމަށް މޭޔަރ އާދަމް ޢާޒިމް އެދިވަޑައިގެންފިއެވެ.

 

މާލެ ސިޓީ ހޯލުގައި އާދިއްތަ ދުވަހު އޮތް މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރިވިޝަން މަސައްކަތުގައި ހިމެނޭ ފުރަތަމަ ޕަބްލިކް ކޮންސަލްޓޭޝަން ބައްދަލުވުން ފައްޓަވާދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން މޭޔަރު ވަނީ މާލެ ސިޓީ ކައުންސިލުގެ ޕްލޭނިންގ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި މިހާރު ކުރެވިފައި ހުރި މަސައްކަތްތައް ވަރަށް ގިނަކަން ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތައް ބޭނުން މުހިންމު ގިނަ މައުލޫމާތު ވަނީ އެއްކުރެވިފައި ކަމަށް ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން މާލެ ސިޓީގެ ބިމުގެ ދަފްތަރު މިހާރު ވާނީ އެކުލަވައިލާ ޖީ.އައި.އެސް ޕްލެޓްފޯރމެއް މެދުވެރިކޮށް، އާންމުންގެ ކޮމެންޓް ހޯދުމަށް ހުޅުވާލެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މާލެ ސިޓީގެ ދަފްތަރުގައި ހިމެނޭ ކައުންސިލުގެ ބިންތައް ބޭނުން ކުރެވެމުންދާގޮތް މިހާރު ވާނީ އެއް ޑޮކިއުމެންޓައް ގެނެވިފައި ކަމަށް ވެސް ވިދާޅުވިއެވެ.

 

"އެ ޑޮކިއުމެންޓް މިދިޔަ ހަފްތާގައި ކައުންސިލަރުންނާއި ވަނީ ހިއްސާކޮށްފަ. ގާނޫނުގައި ބުނާ މިންވަރަށް ވުރެއް މަދުނޫން މިންވަރަށް މި ދަފްތަރު ޖީ.އައި.އެސް ޕްލެޓްފޯމަށް އަޕްލޯޑް ކުރެވިގެންދާނެ. މި މައުލޫމާތުގެ ތެރޭގައި، ބިންތަކާއި، އިމާރާތްތަކާއި، މާރކެޓް ގޮޅިތަކާއި، ފައްތިޔާތައް ކުއްޔަށް ދޫކުރެވިފައިވާ ގޮތް ހިމެނޭހެން އާންމު ކުރެވިގެންދާނެ."

 

މޭޔަރ އިތުރަށް ވިދާޅުވީ މިހާތަނަށް ކޮށްފައި މިވާ މަސައްކަތުގައި އެ ކައުންސިލުގެ ހުރިހާ ކައުންސިލަރުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށާއި ކައުންސިލުގެ ހުރިހާ މުއައްޒަފުންގެ ބުރަ މަސައްކަތް ފާހަގަ ކުރައްވާ ކަމަށެވެ.

 


  • މާލެ ސިޓީ
  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް