ޚަބަރު ރާއްޖެ

ކަނޑިތީމު ބީއެމްއެލް ބްރާންޗު އަންނަ އަހަރު ނިމޭނެ: ރައީސް

ކަނޑިތީމު ސިއްހީ މަރުކަޒު ތަރައްގީކުރާނީ 20 އެނދުގެ ޖާގައާއެކު، މިހާރަށް ވުރެ ފުޅާ ސްކޯޕެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިހެން ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

 

ރައީސް ވަނީ ސިއްހީ މަރުކަޒުގެ މަސައްކަތް މިހާރު ކުރިއަށްގެންދެވުމަށް ނިންމަވާފައިވަނީ އެހެން ފަރާތަކާ ހަވާލުކުރައްވައިގެން، ދެ ފަންގިފިލާގެ، 20 އެނދުގެ ޖާގައިގެ އިމާރާތެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވެފައެވެ. އަދި މި ނިންމެވުމާއެކު ސަރަހައްދީ ވިސްނުންފުޅެއްގައި އެ މަރުކަޒު ތަރައްގީކުރެއްވުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ހަގީގަތަކަށް ހެއްދެވުމަށް، އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

ރިޔާސީ އިންތިހާބުގައި ކަނޑިތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދާ އެއްގޮތްވާ ގޮތުގެ މަތީން، މި ދަތުރުފުޅުގައި ހިމެނިގެން އެރަށުގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކަނޑިތީމު ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބްރާންޗުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހާ ހަމައަށް ނިމޭނޭ ކަމަށް ވެސް ވިދާޅުވެފައެވެ.

 

މިއަދުގެ ބައްދަލުކުރެއްވުމުގައި ވަނީ ކަނޑިތީމުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތަކާ ގުޅުން ހުރި އިތުރު އެއްބަސްވުންތަކުގައިވެސް ސޮއިކުރައްވާފައެވެ. އެގޮތުން، 2024 ވަނަ އަހަރު އެރަށަށް ކުރެއްވި ޒިޔާރަތުގައި ރަށު ކައުންސިލުން އެދިވަޑައިގެންނެވި ދެ މަޝްރޫއުކަމަށްވާ މަގުހެދުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އަދި އެރަށުގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފައްޓަވާފައެވެ.

 

މީގެއިތުރުން ކަނޑިތީމާއި އެހެން ރަށްރަށުގައިވެސް ހިއްކާފައިވާ ސަރަހައްދުތަކަށް ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ތަރުތީބުކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުއެވެ. އަދި ރަށުގެ ފުޓުބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްގީކުރެއްވުމުގެ މަޝްރޫއެއް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްގެންދަވާނޭކަމަށް ވެސް ވިދާޅުވިއެވެ.

 


  • ށ. އަތޮޅު
  • ބީއެމްއެލް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް