ޚަބަރު ރާއްޖެ

އައު ޓަރމިނަލް ހުޅުވިޔަސް ދަރަނި ދެއްކުމުގައި ލިބޭނެ މާލީ އެއްވެސް ލުޔެއް ނެތް: އަމީރު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓަރމިނަލް ހުޅުވިޔަސް ދަރަނި ދެއްކުމުގައި ލިބޭނެ މާލީ އެއްވެސް ލުޔެއް ނެތް ކަމުގައި ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

 

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް މި މަހުގެ 26 ގައި ހުޅުވުމަށް މި ސަރުކާރުން ނިންމާފައިވާތީ، ވަަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.

 

އެގޮތުން އެ ޓަރމިނަލް ހުޅުވުން އަދިމާއަވަސްކަން ފާހަގަކުރައްވައި، އަމީރު ވިދާޅުވީ އެ ތަން އަދިވެސް ރަނގަޅަށް ތަރައްގީނުވާ ކަމަށެވެ. އަދި މިހާރުހުޅުވިޔަސް އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ލިބޭނެ މާލީ އެއްވެސް ލުޔެއް ވެސް ނުލިބޭއިރު، އާމްދަނީ އިތުރުވާނެ ގޮތެއް ވެސް ނޯންނާނެކަމަށެވެ.

 

މީގެއިތުރުން އެމްޑީޕީ ސަރުކާރުގެ ޕްލޭންގައި އައު ޓަރމިނަލް ނިމުމުން ތިން މަހާއި، ހަ މަހާ ދެމެދުގެ މުއްދަތެއް، ތަން ހިންގަން ތައްޔާރުކުރުމަށް ކުރަންޖެހޭގޮތަށް އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

 

ސަރުކާރުގެ އެހެން ސިޔާސަތުތައް ވެސް މިފަދައިން ހުންނަ ނަމަ، އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތުގައި މާ ބޮޑު ކާމިޔާބެއް ލިބޭނެކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

 

"މިހާރު ފެންނަ އާ ޓާމިނަލްގެ އެތެރެއާއި ބޭރުގެ ހުރިހާ ރީތިކަމަކަށް ކްރެޑިޓް ލިބޭނީ ރައީސް ޞާލިހަށް. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ޓަރމިނަލްގެ ބޭރު ޑިޒައިން ހުރީ ކޮންޓެއިނަރއެއްހެން."

 

ރާއްޖޭގެ މައި އެއް ބިނާގައި އެސިފަ ހުރީމަ އެ ޑިޒައިން ބަދަލުކުރެއްވީ ރައީސް ސާލިހު ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. އެހެންކަމުން ޓަރމިނަލްގެ ރީތިކަމަށް ރައީސް މުއިއްޒަށް، އަދި ޔާމީނަށް ވެސް އެއްވެސް ކްރެޑިޓެއް ހައްގުނުވާކަމަށް ވިދާޅުވިއެވެ.

 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރަން ފެށި އައު ޓަރމިނަލްގެ މަސައްކަތް އެމްޑީޕީގެ ވެރިކަމުގައި ކުރިއަށްގެންދިޔަނަމަވެސް ފަސް އަހަރު ނިމުނުއިރު ވެސް އެ މަސައްކަތް ނިންމައިލެވޭ ގޮތެއް ވަނީ ނުވެފައެވެ.

 


  • ރައީސް ޔާމީން
  • ރައީސް ސާލިހު
  • ވީއައިއޭ
  • އެމްއޭސީއެލް
  • އެމްޑީޕީ
  • ސިޔާސީ ޕާޓީ
  • ކޮމެންޓް