ޚަބަރު ރާއްޖެ

ސައުދީގެ އައު ސަފީރަށް އިސްލާމިކް މިނިސްޓްރީން ރަތްދޫލައިގެ މަރުހަބާއެއް

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސަލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އިސްލާމިކް މިނިސްޓްރީ އަށް ޒިޔާރަތް ކުރައްވުމާއެކު ވުޒާރާއިން ރަތް ދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

 

އެމަނިކުފާނު، މިއަދު ހެނދުނު އެ މިނިސްޓްރީ އަށް ޒިޔާރަތް ކުރެއްވުމުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އާއި މިނިސްޓްރީގެ އިސްވެރިންނާއި މުވައްޒަފުންނެވެ.

 

ސަފީރުގެ މި ޒިޔާރަތުގައި މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ މިނިސްޓަރާއި އިސްވެރިންނާ ވަނީ ބައްދަލު ކުރައްވާފައެވެ.

 

މި ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ ސައޫދީ ސަރުކާރުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި، ޕްރިންސް މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން މިނިސްޓްރީގެ ކަންކަމުގައި ބަހައްޓަވާ އިސްކަމާއި ދެއްވާ އެހީތެރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

 

މީގެއިތުރުން މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ސަފީރަށް އެރުވިއެވެެ.

 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖެއާއި ސައޫދީ އާ ދެމެދު ވަނީ ގުޅުން އިތުރަށް ބަދަހިވެގެންގޮސްފައެވެ. މިގޮތުން އެގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ސީދާ އިރުޝާދުފުޅާއެކު މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ޙައްޖުވެރިންނަށް ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވާފައެވެ.

 

 


  • ސައުދީ އަރަބިއާ
  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް