ލިޔުންތެރިކަމަކީ ގައުމުގެ އިޖުތިމާއީ ފޭރާން ހެޔޮވަރުކޮށްދޭ ގައުމީ ތަރިކައެއް ކަމުގައި ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ލިޔުންތެރިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުންތެރިންގެ ގަލަމަކީ ހަތިޔާރެއްކަމަށާއި އެ ހަތިޔާރުގެ ބޭނުން ހިފަންވާނީ މުޅި ގައުމުގެ ހެވާއި، ލާބައަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ދިވެހި ލިޔުންތެރިން ގައުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއްވެފައިވާކަމުގެ ޒިކުރާ އައުކޮށް، މިއަދުވެސް ލިޔުންތެރިން ކުރައްވަމުންގެންދަވާ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ލިޔުންތެރިންގެ އޮއްޓަރު ހަރުވާނީ މައުލޫމާތުގެ ޚަޒާނާ މުއްސަނދިވެގެން ކަމަށާއި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާއާއި، ހެޔޮއެދުންތައް އެންމެހައި ދިވެހި ލިޔުންތެރިންނަށް އަރިސް ކުރައްވާފައި ވެއެވެ.
ލިޔުންތެރިން ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ނޫސް މަޖައްލާއެއް އުފައްދާ "އަލްއިޞްލާޙު" ގެ ނަމުގައި އެންމެ ފުރަތަމަ އަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކަމަށް ވާތީއެވެ.